ތަރައްގީގެ ކުރިއެރުން ދެމެހެއްޓުމަށްޓަކައި ރާއްޖެއިން އިގުތިސާދީ އިސްލާހުތައް ގެނައުން އަވަސްކުރަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް: ސީކިން ސްޓެބިލިޓީ އިން ޓާބިއުލެންޓް ޓާމްސް" ގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖޭގެ އިންފްލޭޝަން 0.5 ޕަސެންޓުގައި ހިފެހެއްޓުނު ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކާބޯތަކެތީގެ އަގު ވަނީ 6.7 ޕަސެންޓް އުފުލިފައެވެ.

އަދި ރާއްޖޭގެ ދަރަނި އިތުރުވުމާއި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓަށާއި ސަބްސިޑީތަކަށް ކުރާ ހަރަދު އިތުރުވުމަކީ ކަންބޮޑުވުމެއް ކަމަށާއި ސިއްހީ ދާއިރާއަށާއި ކޮންސްޓްރަކްޝަން ދާއިރާފަދަ ބޮޑެތި ދާއިރާތަކަށް ދައްކަންޖެހޭ ބިލުތަކަށް ފައިސާ ލިބުމުގައި ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ބޭރު ފައިސާގެ ރިޒާވް ދަށްވެ މިހާރު ބާކީ ހުރީ ދޮޅު މަހުގެ އިމްޕޯޓަށް ބޭނުންވާ ވަރަށް އެކަންޏެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ރިޒާވްގައި 590.5 މިލިއަން ޑޮލަރު ހުރި ނަމަވެސް މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެ އަދަދު 443.9 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށް ބުނެފައިވެއެވެ.

ވޯލްޑް ބޭންކުން ބުނީ، 2026 ވަނަ އަހަރު ރާއްޖެ އިން އެއް ބިލިއަން ޑޮލަރުގެ ދަރަންޏެއް ދައްކަންޖެހޭއިރު މި އަހަރުގެ އޮގަސްޓް މަހާ ހަމައަށް ސޮވްރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)ގައި ހުރި 65 މިލިއަން ޑޮލަރަކީ އެ ދަރަނި އަދާކުރަން އެކަށީގެންވާ އަދަދެއް ނޫން ކަމަށެވެ. އަދި މެދު ރާސްތާގައި ރާއްޖެއިން އަދާކުރަންޖެހޭ ބޭރުގެ ދަރަނި ކުޑަކޮށް އިންވެސްޓަރުންގެ އިތުބާރު ހޯދަން އިގުތިސާދަށް ފުރިހަމަ އަދި އަވަސް އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

ވޯލްޑް ބޭންކުން ބުނީ، ފިސްކަލް ހާލަތު ރަނގަޅު ކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން ރިފޯމް އެޖެންޑާއެއް އިއުލާން ކުރި ނަމަވެސް އެންމެ ފުރިހަމައަށް އެއަށް އަމަލު ކުރަން ފަށާފައިނުވާ ކަމަށެވެ. އެގޮތުން މެދު ރާސްތާއަށް އާމްދަނީ ހޯދުމަށް ފިޔަވަޅުތަކެއް އަޅަން ފެށި ނަމަވެސް ހަރަދު ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ބުނެފައިވެއެވެ.

އޭގެ ތެރޭގައި ޕަބްލިކް އިންވެސްޓްމަންޓަށް ކުރާ ހަރަދު ކުޑަކުރުމަށާށާއި ސަބްސިޑީތައް އުވާލުމަށާއި ސިއްހީ ދާއިރާއަށް ކުރާ ހަރަދު ކުޑަކުރުން އަދި ސަރުކާރު ކުންފުނިތައް ރިފޯމް ކުރަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރިއެވެ.