ރާއްޖޭގެ އަސްކަރީ ދާއިރާގެ ފުރިހަމަ ބާރު މިހާރު އޮންނާނީ ދިވެހިންގެ އަތުގައި ކަމަށާއި ބޭރުގެ އެއްވެސް ނުފޫޒެއް އެކަމަށް ނޯންނާނެ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމްއަށް ދެއްވި އިންޓަވިޔުއެއްގައި ގައްސާން ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު އެމްއެންޑީއެފުން ހިމާޔަތް ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.
ގައްސާން ވިދާޅުވީ، އިންޑިއާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގައި ވެސް އޮތީ ރާއްޖޭން އެދޭ ހާލަތްތަކެއްގައި، އެދޭގޮތަކަށް ދިވެހި އަސްކަރިއްޔާގެ ގާބިލިއްޔަތު އިތުރު ކުރެވޭނެ ވާހަކަތައް ކަމަށާއި އެއްވެސް އެއްބަސްވުމެއްގައި ރާއްޖޭގެ އަސްކަރިއްޔާގެ މައްޗަށް އިންޑިއާގެ ނުފޫޒު ފޯރުވޭނެ ވާހަކައެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
"މިހާރު އަސްކަރީ ދާއިރާއިން ހިނގާ ހުރިހާ ކަމެއްގައި ފުރިހަމަ ބާރު އޮންނާނީ ދިވެހިންގެ އަތުގައި. ބޭރުގެ އެއްވެސް ނުފޫޒެއް އަސްކަރީ ގޮތުން، ދިފާއީ ގޮތުން ނުފޯރުވޭނެ. މިއީ އަޅުގަނޑު ހަމަ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުންވާ ކަމެއް،" ގައްސާން ވިދާޅުވިއެވެ.
ގައްސާން ވިދާޅުވީ، ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރައީސް މުއިއްޒުގެ ސިޔާސަތަކީ "މޯލްޑިވްސް ފަސްޓް" ސިޔާސަތު ކަމަށެވެ.
ގައްސާން އިތުރަށް ވިދާޅުވީ، ހައިޑްރޯގްރަޕީ ދާއިރާއިން ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު