ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ޝެފްސް ސިމްޕޯޒިއަމް 2024 ބާއްވައިފިއެވެ.

ސީޖީއެމްއެމްއަށް 10 އަހަރު ފުރިފައިވަނީ މިއަދެވެ.

ސީޖީއެމުން މިއަދު ބުނީ ޝެފްސް ސިމްޕޯޒިއަމް 2024 އަކީ ކަލިނަރީގެ ހުނަރުތައް ދެއްކުމުގެ އިތުރުން ސިނާއަތުގެ ތަޖުރިބާރުކާރުން ދާއިރާއާ މެދު ދެކޭގޮތާއި، ވިސްނުމާއި އާ އުފެއްދުންތައް ހިއްސާކުރުމުގެ ގޮތުން ބޭއްވި ސިމްޕޯޒިއަމެއް ކަމަށެވެ. ސިމްޕޯޒިއަމް ބާއްވާފައިވަނީ ވިލާ ކޮލެޖް، ޔުނިވާސަލް އެންޓަޕްރައިސަސް އަދި ދިރާގާ ގުޅިގެން ކަމަށް ސީޖީއެމުން ބުންޏެވެ.

އެ ސިމްޕޯޒިއަމްގައި ކަލިނަރީ އިންޑަސްޓްރީގެ ފާހަގަކޮށްލެވޭ ފަރާތްތަކެއް އިސްކޮށް ތިބެގެން ޕެނަލް ޑިސްކަޝަންތަކެއް ކުރިއަށްގެންދިއުމުގެ އިތުރުން މުހިންމު ބައެއް އިސްނެގުން ހާމަކޮށްފައިވާ ކީނޯޓް ޑިސްކަޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ސީޖީއެމުން ބުންޏެވެ.

އޭގެ ތެރޭގައި ކަލިނަރީ އާ ޕަބްލިކޭޝަނެއް ކަމަށްވާ "ޝެފްޑޮމް" ލޯންޗުކުރުމާއި، ނޭޝަނަލް ކަލިނަރީ ޕޫލް ގާއިމުކުރުމާއި، ޔަންގް ޝެފްސް ކްލަބު ތައާރަފުކުރުން ހިމެނޭ ކަމަށް ސީޖީއެމުން ބުންޏެވެ. ސިމްޕޯޒިއަމްގައި ސީޖީއެމްގެ ވެބްސައިޓު ދައްކާލުމުގެ އިތުރުން ސީޖީއެމްގެ ޑިޖިޓަލް ޕްރެޒެންސް އިތުރަށް ފުރިހަމަކޮށްފައިވާނެ ކަމަށް ސީޖީއެމުން ބުންޏެވެ.

މީގެ އިތުރުން އެ ސިމްޕޯޒިއަމްގައި ވަނީ ދަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް ޕްރޮޕެޝަނަލް (އެމްއޭއެޗްއާރުޕީ)ގެ ފައުންޑަރު އަދި އެ ޖަމިއްޔާގެ ނައިބު ރައީސް އަފީފް ހުސެއިންގެ ހާއްސަ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އޭނާގެ ސެޝަންގައި ބައިވެރިންނަށް ލީޑަޝިޕާއި ކަލިނަރީ ދާއިރާގެ ތެރޭގައި ޒާތީ ކުރިއެރުމާ ބެހޭ އަގުހުރި ވިސްނުންތަކެއް ލިބިގެން ދިޔަ ކަމަށް ސީޖީއެމުން ބުންޏެވެ.

އިންޑަސްޓްރީގެ 100 އަށްވުރެ ގިނަ މެމްބަރުން ބައިވެރިވި މި ސިމްޕޯޒިއަމް އަކީ ރާއްޖޭގެ ކަލިނަރީ އާޓްސްގެ ތެރޭގައި ފަންނުވެރިކަން އާލާކުރުމަށް ސީޖީއެމުން ކުރިއަށްގެންދާ ހިދުމަތްތެރިކަމުގެ މައްޗަށް އަލިއަޅުވާލާފައިވާ ކާމިޔާބީއެކެވެ.

ޝެފްސް ސިމްޕޯޒިއަމް 2024 ގެ ޝަރަފުވެރި މެހުމާނުގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނިޔާޒު ބައިވެރިވެވަޑައިގެންނެވި އިރު، އެ ސިމްޕޯޒިއަމްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ސީއީއޯ އިބްރާހިމް ޝިއުރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.