ފަންނާއި ސަގާފަތަށް ހާއްސަ ސެންޓަރެއް ގާއިމް ކުރުމަށްޓަކައި ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އާއި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ސީޑްބައި ބީސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ސްޓްރެޓެޖިގް އޮފިސަރު މަރިޔަމް ނަޝާއެވެ. މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ޒޫޝާން ކަމާލުއްދީނެވެ.
ބީސީސީން މިއަދު ބުނީ، މި އެއްބަސްވުމުގެ ދަށުން، ގާއިމްކުރާ "އާޓްސް އެންޑް ކަލްޗާ ސެންޓަރު" އެކަށީގެންވާ ގޮތެއްގައި ބޭނުންކުރުމާއި ހިންގުމާއި ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއްގައި ބީސީސީ އާއި ޕޮލިޓެކްނިކް ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި ސެންޓަރުގެ ވަސީލަތްތައް ބޭނުންވާ ފަރާތްތަކަށް ދޫކުރުމާ ގުޅޭ އިންތިޒާމުތައް ހަމަޖައްސައި ހިންގުން ވެސް ހިމެނޭ ކަމަށް ބުންޏެވެ.
އޭގެ ތެރޭގައި އިލްމީ ވަސީލަތްތަކާއި ފަންނީ ލަފަޔާއި ތަން ހިންގުމަށް ބޭނުންވާ ލޮޖިސްޓިކަލް ގޮތުން އެއްބާރުލުން ދިނުމުގެ އިތުރުން ތަނުގެ ހިދުމަތާއި ވަސީލަތްތައް ބޭނުންކުރާ ފަރާތްތަކަށް އިލްމީ ގާބިލުކަން އިތުރު ކުރެވޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމުކޮށް ހިންގުންވެސް އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ކަމަށް ބީސީސީން ބުންޏެވެ.
މީގެ އިތުރުން ބީސީސީ އާއި ޕޮލިޓެކްނިކް ގުޅިގެން އާޓްސް އެންޑް ކަލްޗާ ސެންޓަރު އިޝްތިހާރުކޮށް، ރާއްޖޭގެ ވިޔަފާރިވެރިންނަށާއި އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ޖަމާއަތްތަކަށާއި އެނޫން ވެސް ކަމާބެހޭ އެންމެހާ ފަރާތްތަކަށް އެތަނާ ބެހޭ މައުލޫމާތު ފޯރުކޮށްދީ ހެދުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް ވެސް އެ އެއްބަސްވުމުން މަގުފަހިވާނެ ކަމަށް ބީސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު