ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ މަސައްކަތް ކުރިއަށްދާ ގޮތް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްލަވާލައްވައިފިއެވެ.

"ކުންފުނީގެ ގާނޫނު" ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފައްދާފައިވަނީ މިއަހަރުގެ މެއި މަހުގެ 16 ގައެވެ.

ރައީސް އޮފީހުން އެ ދުވަހު ބުނެފައިވަނީ ޑިވެލޮޕްމަންޓް ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސޯދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ އިތުރުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށާއި ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ރައީސް އުފެއްދެވި ބޭންކެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަހަރުގެ ޖުލައި 17 ގައި "ވަން" އަށް ވިދާޅުވެފައިވަނީ ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ގެ "އެސްއެމްއީ ހަބް" ހިންގާ އިމާރާތުގައި ޑިވެލޮޕްމެންޓް ބޭންކު ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ބީސީސީން މިއަދު ބުނީ ސައީދު ވަނީ އެ ބޭންކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ބީސީސީއަށް ވަޑައިގެންފައި ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ޑިވެލޮޕްމެންޓް ބޭންކުގެ ޗެއާޕާސަންގެ މަގާމަށް ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކް މިދިޔަ މަހުގެ 26 ގައި އައްޔަންކުރައްވައިފައެވެ. އަދި ރައީސް ވަނީ މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯކަމަށް އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އައްޔަންކުރައްވައިފައެވެެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ މިދިޔަ މަހުގެ 21 ގައި އެ ބޭންކުގެ ބޯޑު މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަން ކުރައްވައިފައެވެ. އެއީ މާލެ، މއ. ވޭސައިޑް 805 ފްލެޓް، އަހުމަދު އަލީ، ސިންގަޕޫރުގެ ރައްޔިތުން ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނައިދު އަދި އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ރޮބާޓް ޑެނިއަލް ކާންޓްއެވެ.

ޑިވެލޮޕްމެންޓް ބޭންކެއް ރާއްޖޭގައި އުފެއްދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.