ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނާއި ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

"ދިވެހި ގައުމު ހިންގުމުގައި ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ، އިސްލާމް ދީނާއި ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމަތަކާއި ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށެވެ" ރައީސްގެ ޕޯސްޓުގައިވެއެވެ.

ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.

ރާއްޖެއަކީ ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ޑިމޮކްރަސީ އެންމެ ޅަފަތުގައި އޮތް ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިހާބެއް ފުރަތަމަ ފަހަރަށް ބޭއްވީ 2008 ވަނަ އަހަރުއެވެ.