ވިލާ ކޮލެޖުގައި 'ވީ އިގްނައިޓް' ނަމުގައި ބިޒްނަސް އިންކިއުބޭޝަން ސެންޓަރެއް ހުޅުވައި އެ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓްގެ ނަން 'ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް'ގެ ނަމަށް ބަދަލުކޮށް ރީބްރޭންޑް ކޮށްފިއެވެ.

އެކަމަށްޓަކައި އިއްޔެ އެ ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ އެކިއެކި ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ ހަތް ދަރިވަރަކު އެލެވޭޓާ ޕިޗް ވެސް ހުށަހެޅިއެވެ.

ރަސްމިއްޔާތުގައި ގާސިމް އިބްރާހިމް ބިޒްނަސް ސްކޫލް ޑީން އަބްދުﷲ ނާފިޒް ވިދާޅުވީ މިއީ ހަމައެކަނި ނަމަށް އައި ބަދަލެއް ނޫން ކަމަށާއި އެއީ އުންމީދީ ތަސައްވުރަކާ އެކު ގެނެވުނު މުހިއްމު ބަދަލެއް ކަމަށެވެ. އަދި އަމާޒަކީ އެ ސްކޫލަކީ ދުނިޔޭގެ ފެންވަރުގެ ބިޒްނަސް ސްކޫލަކަށް ހެދުން ކަމަށެވެ. އަދި ވަނީ އެ ސްކޫލުގެ މުސްތަގުބަލް ބައްޓަންކުރެވިގެންދާނެ ގޮތާ ބެހޭ ކުރު ތަސައްވުރެއް ވެސް ދެއްވައިފައެވެ.

ނާފިޒްގެ ވާހަކައަށް ފަހު އެކަމަށްޓަކައި ހާއްސަ ކުރެއްވިފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނަކުން ފެކްލަޓީ ރީބްރޭންޑްކޮށްދެއްވީ މިނިސްޓަރު ސައީދުއެވެ.

ވިލާ ކޮލެޖްގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ ގާސިމް އިބްރާހިމް ބިޒްނަސް ސްކޫލްގެ ނަމުން ރީބްރޭންޑް ކުރުމުގައި އެ ކޮލެޖުގެ ޗެއާމަން ގާސިމް އިބްރާހިމްގެ ނަން އިހްތިޔާރުކޮށްފައި ވަނީ ވިޔަފާރި އާއި އިގުތިސޯދީ ދާއިރާއަށް ބަލާއިރު އެ ނަމަކީ އެކަމަށް އެންމެ އެކަށޭނެ ނަން ކަމަށް ފެންނާތީ ކަމަށެވެ.

ނަޖީބު ވަނީ ބިޒްނަސް ސްކޫލާއި އިންކިއުބޭޝަން ސެންޓަރުގެ ތަސައްވަރުގެ މައްޗަށް ވެސް އަލިއަޅުވާލައްވައި ވާހަކަދައްކަވައިފައެވެ. އޭނާ ވަނީ އިންކިއުބޭޝަން ސެންޓަރުގެ އުފެއްދުމުގައި އިންޑަސްޓްރީތަކުންނާއި ފަންނީ ބޭފުޅުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

ފެކަލްޓީގެ ދަށުން އަލަށް އުފެދުނު ސެންޓަރެއް ކަމަށްވާ "ސެންޓާ ފޯ އިނޮވޭޝަން އެންޓަޕްރައިޒް ޑިވެލޮޕްމަންޓް" އާ ބެހޭ ގޮތުން އެ ސެންޓަރުގެ ޑިރެކްޓަރު އަދި ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ޑެޕިއުޓީ ޑީން ޑރ. ޑަމިތް ގެންގޮޑަވިލެޖް ވިދާޅުވީ މަހެއްހާ ދުވަހުގެ ތެރޭގައި މި އިންކިއުބޭޓަރާއި ކޯ-ވޯކިން ސްޕޭސް ވުޖޫދަށް ގެނައުމަށް ޕާޓްނަރުން ދިން އެއްބާރުލުމާއި ހިތްވަރު ޝުކުރު އަދާކުރައްވާ ކަމަށާއި މިކަން ކާމިޔާބުވީ ޕާޓްނަރުންގެ ސަބަބުން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ފާހަގަކޮށްލެވޭ އަދި ތާރީހީ ފެށުމަކަށް ވެގެންދާނެ ކަމަށްވެސް ޑަމިތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވީ-އިގްނައިޓް ބިޒްނަސް އިންކިއުބޭޝަން ސެންޓަރު ވެގެންދާނީ އެކި ފަންނުގެ ތަޖްރިބާކާރުން، އެޑްވައިޒަރުންނާއި މެންޓަރުންގެ ގޮތުގައި ހިދުމަތްދިނުމަށް މަގުފަހިކޮށްދޭ މަރުކަޒެއްގެ ގޮތުގައި ކަމަށެވެ.

އެ ސެންޓަރު ވެސް ހުޅުއްވައިދެއްވީ މިނިސްޓަރު ސައީދެވެ.

މި ހަފްލާގައި ސައީދު ވަނީ އިންކިއުބޭޝަން ސެންޓަރުގެ ބޭނުންތެރިކަމުގެ މައްޗަށް ވާހަކަދައްކަވައިފައެވެ. އަދި މިފަދަ ސެންޓަރުތަކުން ގައުމުގެ އިގުތިސޯދަށް ފައިދާވާނެ ގޮތްތައް ފާހަގަކުރައްވާ، މި ސެންޓަރުގެ ބޭނުން ފުރިހަމައަށް ހިފުމަށް ދަރިވަރުންނަށް އޭނާ ހިތްވަރު ދެއްވިއެވެ.

  • ބިޒްނަސް ސެންޓާ ކޯޕަރޭޝަން
  • ހުވަވެއި
  • ދިވެހި ރާއްޖޭގެ ގުޅުން ޕީއެލްސީ (ދިރާގު)
  • ސްޕާކް ހަބް
  • ވިމެން އިން ޓެކް
  • ސޮނޭވާ ނަމޫނާ
  • އޮކްސިކާ ޕްރައިވެޓް ލިމިޓެޑް
  • އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް އޮފް މަނީ އެންޑް އެންޓްއެޕްރްނިއާޝިޕް ޑިވެލޮޕްމަންޓް
  • ސްކޮޔާ ހަބް
  • ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
  • ކަނޑޫފާ ފައުންޑޭޝަން
  • ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ