ބިލިޔަނަރަކު ގޮވައިގެން ސްޕޭސް އެކްސް ޕްރައިވެޓް ދަތުރެއްގައި ޖައްވަށް ދަތުރު ފަށައިފިއެވެ.

ސްޕޭސް އެކްސް އިން ބުނެފައިވާ ގޮތުގައި، މިދަތުރަކީ އަމިއްލަ ފަރާތަކުން ފަންޑުކޮށްގެން ކުރުމަށް ހަމަޖެހިފައިވާ ތިން ދަތުރެއްގެ ތެރެއިން ކުރާ ފުރަތަމަ ދަތުރެވެ.

ދަ ޕޯލަރިސް ޑޯން ނަމުން ނަން ދީފައިވާ މި ދަތުރުގައި ބިލިއަނަރު ޖެރާޑް އިސާކްމަން ބައިވެރިވެއެވެ.

ފެލްކޮން 9 މަރުކާގެ ރޮކެޓެއްގައި ފަށާފައިވާ މި ދަތުރުގައި ރޮކެޓު އުދުއްސާލާފައިވަނީ ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރުން ހޯމަ ދުވަހު ރާއްޖޭ ގަޑިން މެންދުރުފަހު 14:30 ގައެވެ.

ދަތުރުގެ ފަޅުވެރީންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ސްޕޭސް އެކްސްގެ ކޮމާންޑަރަކާއި ދެ އިންޖިނިއަރުންނެވެ.

ސްޕޭސް އެކްސް އިން ބުނާގޮތުގައި ރޭވިފައި އޮތް ގޮތަށް ކުރިޔަށް ގޮސްފި މި ޓީމުން ދަތުރު ނިންމައި، ތިން ދުވަސް ތެރޭ އެނބުރި ދުނިޔެއަށް އަންނާނެ އެވެ.