ހދ. ހިރިމަރަދޫ ރައްޔިތުން ބޭނުންވަނީ އެ ރަށް ދޫކޮށް އެހެން ރަށަކަށް ބަދަލުވުމަށް ކަމަށް ލާމަރުކަޒީ ވަޒީރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ހދ. ހިރިމަރަދޫ ކައުންސިލާ އެކުގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ނިންމާފައިވާ ކަމަށް ކައުންސިލުން ފާހަގަކޮށްފައިވާ ކަމަށެވެ.

"ރައްޔިތުން ބަދަލުވާން ބޭނުންވަނީ ކ. ތުލުސްދުއަށްކަން ވެސް ފާހަގަކުރި" މިނިސްޓަރު ވިދާޅުވިއެވެ.

ހިރިމަރަދޫ ކައުންސިލްގެ މެންބަރު އަހުމަދު ޝަރީފް "ވަން" އަށް މިއަދު ވިދާޅުވީ، އެ ރަށުގެ ރަޖިސްޓްރީގައި 589 މީހުން ތިބި އިރު ރަށުގައި އުޅެނީ 300 އެއްހާ މީހުން ކަމަށެވެ. އަދި ހިދުމަތްތައް ފަސޭހައިން ލިބޭ ރަށަކަށް ބަދަލުވުމަށް ރަށުގެ ގިނަ ރައްޔިތުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދަނީ ދެތިން ރަށަކާވެސް ވާހަކަ ދައްކަމުން، އޭގެ ތެރޭގައި ދިއްދޫ އާއި ހަނިމާދޫ އާއި ތުލުސްދޫވެސް ހިމެނޭ. ރަށުގެ ބޮޑު އާބާދީއެއް ބޭނުންވަނީ ތުލުސްދުއަށް ބަދަލުވާން" އޭނާ ވިދާޅުވިއެވެ.

އަހުމަދު އިތުރަށް ޝަރީފް ވިދާޅުވީ، އެހެން ރަށަށް ބަދަލުވި ނަމަވެސް ރަށުގެ ރައްޔިތުންގެ ޑިމާންޑަކީ ގޯއްޗެއް ނުވަތަ ގެއެއް ދިނުން ކަމަށެވެ. އަދިވެސް އެ ނޫން ބައެއް ޑިމާންޑްތައްވެސް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.