މިހާރު ކުރިއަށްދާ ވޯލްޑް ޖޫނިޔާ ޝެފް ޗެލެންޖް 2024ގައި ފަނޑިޔާރުކަން ކުރަން މަޝްހޫރު ދިވެހި ޝެފް މާހާ ނަސީރުއަށް ލިބިއްޖެއެވެ.

މިިމަހުގެ 28 އިން މިއަދުގެ ނިޔަލަށް ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ އެ މުބާރާތަކީ ގިނަ ބައިނަލްއަގުވާމީ ޝެފް ފަނޑިޔާރުން ބައިވެރިވާ، 12 ގައުމެއްގެ ޝެފް ޓީމުތަކާއި ތައިލެންޑުގެ ހަތަރު ޓީމެއް ވާދަކުރާ މުބާރާތެކެވެ.

ރާއްޖޭގެ އިތުރުން އެ މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރު، މެލޭޝިއާ، ދެކުނު ކޮރެއާ، މޮންގޯލިއާ، ކެމްބޯޑިއާ، ވިއެޓްނާމް، އިންޑޮނޭޝިއާ، ޗައިނާ، އެމެރިކާ، އޮސްޓްރޭލިއާ އަދި ގްރީސް ހިމެނެއެވެ.

މާހާ އަކީ ކްރިއޭޓިވް ކަލިނަރީ، ކަލިނަރީ އާޓްސް އަދި ކުއިޒިންގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައެވެ.

ޝެފް މާހާ އަކީ ކުރީގެ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްކަން ކޮށްފައިވާ ކަނބަލެކެވެ. މިހާރު މާހާ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ބޯޑް މެމްބަރެއްގެ ގޮތުގައެވެ.

މާހާ ވަނީ މިދިޔަ 2023ގައި އިޓަލީގެ ރިމިނީގައި ބޭއްވި "ގްލޯބަލް ޝެފް ޗެލެންޖް" ގައި މަޝްހޫރު ޝެފުންނާ އެކު ގްލޯބަލް ޝޯއެއް ޖަޖުކަންކޮށްފައެވެ. އެ ޗެލެންޖުގެ ސެމީ ފައިނަލުގެ އެންމެ މޮޅު ޖަޖުންގެ ތެރޭގައި އޭނާ ހިމެނުނު އިރު، ފައިނަލުގައި ފުރުސަތު ހޯދުމަށް ޔޫރަޕްގެ 20 ޓީމެއް ވާދަކުރިއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި މާހާ ވަނީ ކަލިނަރީގެ ދާއިރާއިން ގައުމީ އަދި ބައިނަލްއަގުވާމީ އެތައް އެވޯޑުތަކެއް ހާސިލްކޮށްފައެވެ.

މާހާ އަކީ މިހާރު ރާއްޖޭގައި ތިބި މަދު އަންހެން އެގްޒެކެޓިވް ޝެފުންގެ ތެރެއިން އެއް ފަރާތެވެ. އަދި ރާއްޖެއިން މާސްޓާ ޝެފުގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފްއެވެ.