ހޫތީން ހަމަލާދިން ބޯޓަކުން ކަނޑަށް ތެޔޮ ފައިބާން ފަށައިފިއެވެ.

ގްރީސްއަށް ނިސްބަތްބާ އެ ބޯޓަށް ހޫތީން ހަމަލާ ދީފައިވަނީ ބޯޓު ރަތްކަނޑު ހުރަސްކުރަނިކޮށް ކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާގެ ޕެންޓަގަން އިން ވަނީ އެ ތެޔޮ ބޯޓަށް ހޫތީން ދިން ހަމަލާގައި ބޯޓަށް ބޮޑެތި ގެއްލުން ވެ އެއިން ތެޔޮ ފޭބުމުގެ ސަބަބުން ތިމާވެށީގެ ކާރިސާއެއް ކުރިމަތިވެދާނެކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

ދަ ސޯޔޫނިއަން ނަމަކަށް ކިޔާ އެ ބޯޓަށް ހަމަލާ ދިނުމުން ބޯޓުގައި އަލިފާން ރޯވެ ގޮވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވެސް އާންމުވެފައިވެއެވެ.

އެމެރިކާއިން ވަނީ އެބޯޓުގައި އެއްމިލިއަން ފީފާގެ ސާފު ނުކުރާތެޔޮ ހުރިކަމަށް ބުނެފައެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ އިރާގުން ގްރީސްއަށް ކަމަށާއި ހަމަލާ އެރި ވަގުތު ބޯޓުގައި 24 މީހުން ތިބި ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫތީން އަންނަނީ އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ ގަތުލްއާންމުގެ ސަބަބުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ރަތްކަނޑުން ހުރަސްކުރާ ކާގޯ ބޯޓުތަކާއި ތެޔޮ ބޯޓުތަކަށް ހަމަލާ ދެމުންނެވެ.