ސަރުކާރުގެ މަގާމުތަކުގައި އެ މަނިކުފާނުގެ އާއިލާ މީހުން ތިބުމަކީ ފަހުރުވެރިވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އާއިލީ ބޭފުޅުންނަށް ސަރުކާރުގެ ގިނަ މަގާމުތަކެއް ދޭތީ ފާޑުކިޔުން އަމާޒުވަމުންދާއިރު، އެ މީހުން ބުނާ ގޮތުން މިއީ އާއިލީ ވެރިކަމެކެވެ.

ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެކަމަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރުގައި އެ މަނިކުފާނުގެ އާއިލާ މީހުން ތިބޭނެ ކަމަށް ދެންނެވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށާއި ތިބޭނީވެސް އިލްމީ ގާބިލު ބޭފުޅުން ކަމަށެވެ. ނަމަވެސް މިއީ އާއިލީ ވެރިކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތުން ގެނައި ސަރުކާރެއް މިއީ. މި ސަރުކާރުގައި އަޅުގަނޑުމެންގެ މީހުން ތިބޭނެ. އެކަމަކު ތިބޭނީ ކިޔަވައިގެން ތިބި މީހުން. ތަންދޮރު ދަންނަ މީހުން ތިބޭނީ. އާއިލީވެސް، ދަރިންވެސް ތިބޭނެ، އަޅުގަނޑާ އެއްބަނޑުއެއްބަފާ މީހުންވެސް ތިބޭނެ. އަޅުގަނޑުގެ އާއިލާއަށް ނިސްބަތްވާ މީހުންވެސް ތިބޭނެ. އެއީ އެއްގޮތަކަށްވެސް ގަބޫލެއް ނުކުރަން އާއިލީ ވެރިކަމަކަށް މަގުފަހިކުރުމަށްޓަކައި ކޮށްފައި ކަމެއް ކަމަކަށް. އެއީ ގަވާއިދުގެ ތެރެއިން އިލްމީ ގާބިލު މީހުންނަށް ރައީސް ފެނިވަޑައިގެން ދެއްވާ މަގާމުތަކެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ޕީއެންސީގެ ވެރިކަމެއް ކުރާއިރު، ޕާޓީގައި މިއަދު އެންމެ އިސްކޮށް ތިއްބެވީ އެ މަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އެހެންކަމުން މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒަށް ދެއްވަންޖެހޭ ލަފައެއް އޮތް ނަމަ އެ ލަފައެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.