ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރުމަށް މާޗު މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ފެށި އެއާ އެމްބިއުލާންސް ހިދުމަތުގެ ދަށުން ބޭނުން ކުރަން ހަމަޖެހިފައިވާ ސީޕްލޭން ކޮމާޝަލް ދަތުރުތަކަށް ބޭނުން ކުރަން ފެށީ ބަލި މީހުން އުފުލުމަށް އުނދަގޫނުވާނެ ގޮތަކަށް ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ސީ އެމްބިއުލާންސް ފެށުމަށް ރާއްޖެ ގެނައި ސީ ޕްލޭން ކޮމާޝަލް ދަތުރުތަކަށް ބޭނުން ކުރުމަށް ފަށައިފައިވާ ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އަމީން ބުދަ ދުވަހުގެ ރޭ ވިދާޅުވީ ސީ އެމްބިއުލާންސްގެ ހިދުމަތުގައި ބައެއް ލިމިޓޭޝަންތައް އެބަހުރި ކަމަށެވެ. އެގޮތުން ސީ ޕްލޭނަކީ ރޭގަނޑު އޮޕަރޭޓް ކުރެވޭނެ އުޅަނދެއް ނޫންކަން އަމީން ފާހަގަ ކުރެއްވިއެވެ.
އަމީން ވިދާޅުވީ އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑުން ވަނީ މެޑިކަލް ޓީމަކާ އެކު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފައި ކަމަށެވެ. އެހެންވެ ސަރުކާރުން ތައާރަފު ކުރި ސީ އެމްބިއުލާންސަށް ޑިމާންޑު ނޯންނާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސީޕްލޭން ކޮމާޝަލީ ބޭނުންކުރަން ނިންމީ މެޑިކަލް އިވެކުއޭޝަނެއް ކުރިމަތިވެ ސީޕްލޭން ބޭނުންކުރާ ހާލަތަށް އަޔަސް، އޭގައި ދަތިކަމެއް ނާންނާނެ ނިޒާމެއްގެ ތެރެއިން،" އަމީން ވިދާޅުވިއެވެ.
ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދުގެ ދަށުން މާޗު މަހުގެ އެއްވަނަ ދުވަހު އެ ހިދުމަތް ފަށައި އެންމެ ފުރަތަމަ ސީ އެމްބިއުލާންސް ބޭނުންކޮށްފައިވަނީ ކުޅުދުއްފުށި ސިޓީން ބަލި މީހަކު މާލެއަށް ގެނައުމަށެވެ.
ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި، އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހާއްސަކޮށްގެން 15 ސިއްހީ ހިދުމަތްތެރިއަކު ވަނީ ތަމްރީނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ޑޮކްޓަރުންނާއި ފަސް ނަރުހުންގެ އިތުރުން ފަސް އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ
ޚަބަރު
ޚަބަރު
ޚަބަރު