ރާއްޖޭގެ ފުރަތަމަ އިންޖިނިއަރިން މައުރަޒު ވިލާ ކޮލެޖުގައި ކާމިޔާބީއާއެކު ބާއްވައިފިއެވެ.

އިއްޔެ މެންދުރު 1:30 އިން މެންދުރުފަހު 3:00 އަށް ވިލާ ކޮލެޖުގެ ހޯލުގައި އާންމުކޮށް ހުޅުވާލެވިގެން ޒިޔާރަތްކުރެވޭ ގޮތަށް ބޭއްވުނު އެ މައުރަޒުގައި އިންޖިނިއަރިން ދާއިރާގެ 40 ޕްރޮޖެކްޓު ވަނީ ދައްކާލައިފައެވެ. އެ ޕްރޮޖެކްޓުތަކަކީ ވިލާ ކޮލެޖުން ހިންގާ އިންޖިނިއަރިން ޑިގްރީ ޕްރޮގްރާމްތައް ކަމަށްވާ މެކަޓްރޮނިކްސް، މެކޭނިކަލް އަދި އެލެކްޓްރިކަލް އާއި އެލެކްޓްރޮނިކްސް ކޯސްތަކުގެ ދަރިވަރުންގެ ފަހު އަހަރުގެ ޕްރޮޖެކްޓުތަކެވެ.

އެ ހަރަކާތް ތައާރަފުކޮށްދެއްވީ ފެކަލްޓީ އޮފް އިންޖިނިއަރިންގެ ހެޑް އޮފް ސްކޫލް، އުދުމާ އަބްދުލް ލަތީފެވެ. އެ ހަފުލާއާ ބެހޭގޮތުން ކުޑަ ތަފްސީލެއް ދެއްވައި، އިނޮވޭޓިވް އިންޖިނިއަރިންގެ ދާއިރާއިން ކޮލެޖުގެ ދަރިވަރުން ކުރިއަށްދިއުމަށް މަގުފަހިކޮށްދެމުންދާ ގޮތުގެ މައްޗަށް އުދުމާ އަލިއަޅުއްވައިލެއްވިއެވެ.

"މި މައުރަޒަކީ ހަމައެކަނި ހަރަކާތެއް ނޫން. މިއީ އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް، މެކޭނިކަލް އަދި މެކަޓްރޯނިކްސް އިންޖިނިއަރިންގެ ދާއިރާއިން ދަރިވަރުން ވޭތުވެދިޔަ އަހަރުތަކުގައި ދެއްކި ހިތްވަރާއި ހުނަރާއި އުފެއްދުންތެރިކަމާއި ބުރަ މަސައްކަތުގެ ހެކި،" އުދުމާ ވިދާޅުވިއެވެ.

އެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތު ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދެވެ.

އެ ރަސްމިއްޔާތުގައި މުއާޒް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔުނިވާސިޓީތަކުގެ ދަރިވަރުން އިނޮވޭޓިވް އިންޖިނިއަރިން ހިޔާލުތައް ގެންނަމުންދާ ގޮތާއި، ރާއްޖޭގައި ވެސް މިގޮތަށް ރާއްޖޭގެ ލޭންޑްސްކޭޕަށް ފެތޭ އިންޖިނިއަރިން ސޮލިއުޝަންތަކަށް މަސައްކަތްކުރަންވާނެ ކަމަށެވެ. އަދި ރާއްޖޭގެ ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް އެހީތެރިކަން ބޭނުންވާ ނަމަ، އެހީތެރިކަން ފޯރުކޮށްދިނުމަކީ އުފާކުރައްވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެ މައުރަޒުގެ ތެރެއިން ސޯލާ ހަކަތައާއި ވޮއިސް ކޮންޓްރޯލް ކޮމްޕިއުޓަރު މެޝިނާއި އެހެނިހެން އިނޮވޭޓިވް ޕްރޮޖެކްޓުތައް ވެސް ހިމެނުނެވެ.