ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ) އަށް 834 މިލިއަން ރުފިޔާ ދައުލަތުން ދިން ގޮތާއި، ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ 700 މިލިޔަން ރުފިޔާގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަަތައް ބަލަން ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމެވެ. ތާއީދު ކުރެއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.

ދައުލަތުގެ މާލިއްޔަތާ ބެހޭގޮތުން ސެންޓްރަލް ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިިޓީ (އެމްއެމްއޭ) އިން ކޮމިޓީއަށް ފޮނުވާފައިވާ ސިޓީ ހިމެނޭ ކަންތައްތައް ދިރާސާކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެންބަރު ނާޒިމް ވިދާޅުވީ، މާލީ ވުޒާރާއިން ފޮނުވާފައިވާ ސިޓީގައި ހިމެނޭ މައުލުމާތުގައި ވަކިވަކި ފަރާތްތަކަށް ދީފައިވާ ލޯނަކީ ކޮން ބަޔަކަށް، ކީއްކުރަން، ކޮން ގޮތަަކަށް ދީފައިވާ ކޮން އެއްޗެއްތޯ ސާފުކުރަން ބޭނުންވާ ކަމަށެވެ.

އެ ލޯނުތަކުގެ ތެރޭގައި ސިފްކޯއަށް 834 މިލިއަން ރުފިޔާ ދީފައިވާކަން އެނގެން އޮންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި ޕޮލްކޯއަށް އެކި ފަހަރުމަތިން ލޯނުދީފައިވާކަން އެނގެން އޮތްއިރު އެކަމުގެ ތަފްސީލު ނެތް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ފަރާތަށް މީގެކުރިން ދީފައިވާ 700 މިލިއަން ރުފިޔާ އިތުރުވެފައިވޭތޯ އެ މައްސަލަ ބަލަންޖެހޭ ކަމަށްވެސް ނާޒިމް ހުށަހެޅުއްވިއެވެ.

ނާޒިމް ވިދާޅުވީ ޕޮލްކޯއަށް ލޯނު ދީފައިވަނީ ޕޮލިސް ފްލެޓްތައް ނިންމަން ކަމަށާއި، ނަމަވެސް އާންމު ބިލްޑިންތަކާ އެއްގޮތަށް އެ ފްލެޓުތައް ނިމިފައިނުވާކަންވެސް ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މިދިޔަ ސަރުކާރުން އެ ފްލެޓުތައް ނިންމީ އަލުން ބިޑަށް ލައިގެންކަންވެސް ނާޒިމު ފާހަގަކުރެއްވިއެވެ.

އެ ކަންތައްތައް ކޮމިޓީން ބަލަން ނާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ސަލީމެވެ. ވޯޓުދީގެން އެ ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.