ވިލާ ކޮލެޖުން އަލަށް ދެ ޑިގްރީ ޕްރޮގްރާމެއް ތައާރަފުކޮށްފިއެވެ.

އެ ދެ ޑިގްރީ ޕްރޮގްރާމަކީ އުމްރާނީ ތަރައްގީގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ މަތީ ތައުލީމެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި ވިލާ ކޮލެޖުން އަލަށް ތައާރަފުކުރި ދެ ޕްރޮގްރާމެވެ.

މިއަދު ވިލާ ކޮލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ދެ ޑިގްރީ ޕްރޮގްރާމްގެ އިތުރުން، ރާއްޖޭގެ ސިޔާސީ ތާރީހު އަދާ ހަމައަށް އައިސްފައިވާ ގޮތާއި ރާއްޖެއަށް އެކި ދާއިރާތަކުން ހިދުމަތްކުރެއްވި ބޭފުޅުންނާ ގުޅޭގޮތުން ލިޔެފައިވާ ދެ ފޮތެއް ވަނީ ނެރެފައެވެ.

އަލަށް ތައާރަފުކުރި ދެ ޕްރޮގްރާމުގެ ތެރެއިން ބެޗްލާ އޮފް ކުއަންޓިޓީ ސާވޭއާ ގުޅޭ މައުލޫމާތުދެއްވަމުން ވިލާ ކޮލެޖުގެ ސްކޫލް އޮފް ސައިންސްގެ ހެޑް އޮފް ސްކޫލު އުދުމާ އަބްދުއްލަތީފް ވިދާޅުވީ އެ ޕްރޮގްރާމަކީ ދުނިޔޭގެ ފެންވަރުގެ މަތީ ތައުލީމެއް ފޯރުކޮށްދިނުމަށާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް ވިލާ ކޮލެޖުން ކުރާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ.

އަދި އުމްރާނީ ތަރައްގީގެ ދާއިރާއިން މި ގައުމުގައި ލިބެން ނެތް ތައުލީމި ފުރުސަތު ދަރިވަރުންނަށް ފޯރުކޮށްދީ، ގައުމުގައި ހުނަރުވެރި ޕްރޮފެޝަނަލުންތަކެއް އުފެއްދުމަށް ވިލާ ކޮލެޖުން ފެށި މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

"ބެޗްލާ އޮފް ކުއަންޓިޓީ ސާވޭ ޕްރޮގްރާމަކީ އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ކޮންޓިނިއުފައި ކުރުމާއި އިމާރާތްކުރުމުގެ މަޝްރޫއުތަކުގެ ފައިނޭންޝަލް އަދި ޕްރޮކިއުމަންޓް ޕްރޮސެސްއާއި އިމާރާތްކުރުމާ ބެހޭ ގާނޫނީ ކަންކަން ބެލެހެއްޓޭނެ ފަދަ ޕްރޮފެޝަނަލް ގްރެޖުއޭޓުންތަކެއް އުފެއްދުމުގެ މަގުސަދުގައި ތިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ ޕްރޮގްރާމެއް،" އުދުމާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގައި ކުއަންޓިޓީ ސާވޭ ކުރެވޭ ހުނަރުތަކުގެ ތެރޭގައި ކޯސްޓް ޕްލޭނިން އެސެސްމަންޓާއި ކަލްކިއުލޭޝަންސްއާއި ޓެންޑާ ޑޮކިއުމަންޓްސް ތައްޔާރުކުރުމާއި ކޯސްޓް ތައްޔާރުކުރުމަށް ކޯސްޓް އެނަލައިސިސް ކުރުމާއި ކޮންސްޓްރަކްޓް އެޑްމިނިސްޓްރޭޝަން ހުނަރުތައް ދަސްވެެގެންދާނެ ކަމަށްވެސް އުދުމާ ވިދާޅުވިއެވެ.

އޭގެ އިތުރުން އުދުމާ ވިދާޅުވީ އެއީ ބިލްޑިން ޑިވެލޮޕްމަންޓް ޓެކްނިކްސް، ބިލްޑިންގް ރިސާޗު މެޝެމަންޓް، ސޮފްޓްވެއާ އެޕްލިކޭޝަންސް، ސްޕެސިފިކޭޝަންސް ރައިޓިން އަދި ބިލްޑިން ޕްރޮޖެކްޓް މެނޭޖުކުރުމުގެ ހުނަރުތައްވެސް ދަސްކޮށްދޭ ޕްރޮގްރާމެއް ކަމަށެވެ.

ވިލާ ކޮލެޖުން މިއަދު އަލަށް ތައާރަފުކުރި ދެވަނަ ޕްރޮގްރާމަކީ ބެޗްލާސް އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްއެވެ. އެ ޕްރޮގްރާމުގެ ތައާރަފެއްދެއްވަމުން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ސިނިއާ ލެކްޗަރާ އައިޝަތު ހަލީލާ އަބްދުއް ސައްތާރު ވިދާޅުވީ އެ ކޯހުގެ މަގުސަދަކީ މިހާރުގެ ޒުވާން ޖީލު ސިޔާސީ ލީޑަރުންގެ ގޮތުގައި ތައްޔާރުކުރުން ކަމަށެވެ.

"މިއަދު ސެޕްޓެމްބަރު ސެމިސްޓާއަށް ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން އަލަށް ތައާރަފުކުރާ ޕްރޮގްރާމަކީ ޒުވާން ޖީލު ސިޔާސީ ދާއިރާއަށް ޝައުގުވެރިކަން ނެތިގެންދާތީ، ރާއްޖޭގައި މިހާރު ބޮޑުވަމުން އަންނަ ޒުވާން ޖީލަށް ވަރަށް ހާއްސަ ޕްރޮގްރާމެއް. ވިލާ ކޮލުޖުން މަސައްކަތްކުރަނީ ޒުވާން ސިޔާސީ ލީޑަރުން ތައްޔާރުކުރުމަށް،" ހަލީލާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައްޔިތުންގެ މަޖުލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިލާ ކޮލެޖުގެ ލެކްޗަރާ އަދި ތާރީހު ދިރާސާކުރެއްވުމަށް މަޝްހޫރު ކަށިމާ އަހުމަދު ޝާކިރު ލިޔުއްވާފައިވާ ދެ ފޮތެއްވެސް ނެރެދެއްވައިފައެވެ.

އެ ފޮތްތަކާ ގުޅޭގޮތުން ޝާކިރު ވިދާޅުވީ، އެ ދެ ފޮތަކީ ސިޔާސީ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ބޭނުންތެރި ފޮތަކަށް ވެގެންދާނެ ކަމަށެވެ. އެ ފޮތްތަކުގައި ހިމަނާފައިވާ ބައިތަކުގެ ތެރޭގައި ރާއްޖޭގެ ތާރީހުން 34 ބޭފުޅެއްގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށްވެސް ޝާކިރު ވިދާޅުވިއެވެ.

"މި ފޮތް ފެށީ މީލާދީ ގޮތުން އެއްވަނަ ގަރުނާ ހަމައިން. މާސެލީނަސް އެމިއާނޮސް ރާއްޖެއާ ބެހޭގޮތުން ވިދާޅުވެފައި އޮތް ވިދާޅުވުމުން ފަށައިގެން. މި ފޮތަކީ ބޭރު ދުނިޔޭގެ 13 ދައުލަތަކާ ވަރަށް ބޮޑު ގުޅުމެއް ރާއްޖެއާ ދެމެދު އޮތްކަމުގެ ވާހަކަ ކިޔައިދޭ ފޮތެއް،" ޝާކިރު ވިދާޅުވިއެވެ.

އޭގެ ތެރޭގައި 1306 ވަނަ އަހަރު ރާއްޖޭގެ ދަރިފަސްކޮޅާއި ބަންގާޅުން ގުޅިފައިވާ ގޮތާއި ޑަޗް މީހުން ރާއްޖެއިން ބޮލި ހޯދަން އައި ގޮތުގެ ވާހަކަތަކުގެ އިތުރުންވެސް ރެހެންދި ހަދީޖާގެ 1000 ހަށިފާރަވެރިންނާއި ވެށިފާރަވެރިންގެ ވާހަކަތައްވެސް އަދި މަލިކު މީހުން ރައްޖެއިން ވަކިވި ގޮތާ ގުޅޭ މައުލޫމާތުވެސް ހިމަނާފައިވާނެ ކަމަށް ޝާކިރު ވިދާޅުވިއެވެ.

ވިލާ ކޮލެޖުން އެ ދެ ފޮތް ގަނެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށްވެސް އެ ކޮލެޖުން ބުންޏެވެ.