މިހާރު މި ވެރިންކަން ހިންގާ ނިޒާމު، ރިޔާސީ ނިޒާމަކީ ރަނގަޅު ނިޒާމެއް ނޫން ކަމަށާއި މި ނިޒާމަށް ބަދަލުތަކެއް ގެނައުން މުހިންމު ކަމަށް މަޖުލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ވިލާ ކޮލެޖުން އަލަށް ތައާރަފުކުރި ދެ ކޯހަކާއި ދެ ފޮތެއް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ގެންނަން ޖެހޭ ބަދަލަކީ ކޮބައިތޯއާއި އެ ބަދަލު ގެންނަން ރައްޔިތުން ކުރަންވީ ކޮންކަމެއްތޯ ދެނެގަނެވޭނީ އިލްމު އުނގެނުމުން ކަމަށާއި ހާއްސަކޮށް ތާރީހު ދިރާސާކުރާ މީހުންނާއި ސިޔާސީ މަޝްރަހުގެ ތާރީހު ދިރާސާކުރާ މީހުންގެ އިތުރުން ތާރީހު ކިޔަވަން ބޭނުންވާ ދަރިވަރުންވެސް ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރުން މުހިންމު ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅު ނިޒާމެއް ނޫން. މި ނިޒާމަށް ބަދަލު ގެންނަން އެބަޖެހޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މި ނިޒާމާ ދޭތެރޭ ރައްޔިތުން ފުންކޮށް ވިސްނައި ސިޔާސީ އިލްމު އުނގެނުމުގައި ދިރާސާކުރުން ވަރަށް މުހިންމު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ސިޔާސީ އިލްމަކީ މިވެނިކަމެކޭ ބުނެ ނިންމައިލެވޭ ވަރަށް ވުރެ މާ ފުޅާ ދާއިރާއެއްގައި އެކުލެވިގެންވޭ. އެއީ ވެރިކަމުގެ ނިޒާމުތައް އެކުލެވިގެން އޮންނަގޮތާއި ސަރުކާރުގެ މި ޒައާމަތުތައް އެކުލެވިގެން އޮންނަގޮތާއި ބާރުތައް ބެހިގެންވާ ގޮތާއި ރައްޔިތުންގެ ސިޔާސީ އޮނިގަނޑުތައް އެކުލެވިގެންވާ ގޮތާއި އިންސާނީ ހައްގުތައް އެކުލެވިގެންވާ ގޮތް ދެނެގަތުމާއި ހާރިޖީ ގުޅުން ބަދަހިކުރާނެ ގޮތް ދަސްކުރުމާއި، މި ހުރިހާ ކަމެއް އަދި މީގެ އިތުރުންވެސް އެތައްކަމެއް މީގަ އެކުލެވިގެންވާ އިލްމެއް ސިޔާސީ އިލްމަކީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އެއީ އިލްމު އުނގެނިގެން ނުކުންނަ ބޭފުޅުންގެ އިލްމީ ދިރާސާގެ އަލީގައި ހޯދަން ޖެހިފައި އޮތް ކަމެއް ކަމަށާއި އެއަށްވުރެ މާ ރަނގަޅަށް ލޯ ހިންގޭނެ އެހެން ގޮތެއް އެބައޮތްތޯ ބެލުމަށް ހަދާ ދިރާސާގެ އަލީގައި އޭގެން ރަނގަޅު މަގެއް ފެންނާނެ ކަމަށެވެ.
އޭގެ އިތުރުންވެސް ސިޔާސީ އިލްމާއި ތާރިހު ކިޔަވާ ދަރިވަރުން ކޮންމެ އިލްމެއް އުނގެނުނު ނަމަވެސް ސިޔާސީ އިލްމާއި ސިޔާސީ ތާރީހަކީ ވަކި ނުކުރެވޭނެ ދެ އެއްޗެއްކަން ވިސްނަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ އިލްމަކީ އެއާ ނުލައި ގައުމެއް ތަރައްގީވެ ކުރިއަރައިގެން ދިއުން އުނދަގޫ ކަމެއް ކަމަށް އިލްމީ ދިރާސާވެރިން ވިދާޅުވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"ސިޔާސީ ތާރީހު އެނގިގެން މެނުވީ ސިޔާސީ އިލްމު އުނގެނުމަކީ އުނދަގޫކަމެއް. އަޅުގަނޑުމެންނަށް އިއްޔެ އާއި މިއަދު އެނގިގެން އަޅުގަނޑުމެންނަށް މާދަމާއެއް ބިނާކުރެވޭނީ. އެެހެންވީމަ ސިޔާސީ ތާރީހު މުހިންމީ. ހަމައެއާއެކުގައި އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަކީ ކޮންބައެއްކަން އެނގެންޖެހޭ. އަޅުގަނޑުމެން މިތިބީ ކޮންތާކުކަން އެބަ އެނގެންޖެހޭ. އަޅުގަނޑުމެން މިތަނަށް އައީ ކޮން މަގަކުންކަންވެސް އެނގެން އެބަޖެހޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެެހެންކަމުން ވިލާ ކޮލެޖުން އަލަށް ތައާރަފުކުރި ދެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހު ބަދަލުކުރަން ގެންނަންޖެހޭ ބަދަލުތައް އުނގެނުމަށް މުހިންމު ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ވިލާ ކޮލެޖުން މިއަދު އަލަށް ތައާރަފުކުރި ދެ ޑިގްރީ ޕްރޮގްރާމަކީ ބެޗަލާ އޮފް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އާއި ބެޗެލާ އޮފް ކުއަންޓިޓީ ސާވޭ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު