ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަލުކުރުމުގައި އެތަން ހިންގާ މުއްދަތަށްވުރެ ބޮޑަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭތޯ ގާނޫނުން ކަށަވަރު ކުރުން މުހިންމު ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރުވުމުން ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް މުއްދަތު ކުޑަކުރުމަށްޓަކައި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީންގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ. އެ ބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށްޓަކައި ވަނީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވައިފައެވެ.

އެ ކޮމިޓީން ބިލު ދިރާސާކުރުމުގައި ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯދުމަށް މިއަދު ބޭއްވި ޖަލްސާއަށް ހަޔާ އެޑިއުކޭޝަން މިނިިސްޓަރާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ހާޒިރުކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ ވަކި މުއްދަތެއްވުމުން އެތަނެއް ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ހެދުމަކީ އެންމެ އެދެވޭ ގޮތް ނޫން ކަމަށެވެ. މުއްދަތަށްވުރެ މުހިންމީ އެތަނުގައި ފެންވަރު ރަނގަޅު ތައުލީމެއް ދިނުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނުގައި މުއްދަތެއް ކަނޑައަޅާނަމަ މުހިންމު ކަމަކަށްވާނީ މަތީ ތައުލީމާއި ތަމްރީނު ދިނުމުގައި ކޮލިޓީ ހިފަހައްޓަން ބާރުއެޅުން ކަމަށެވެ. މި ހުށަހެޅުންތަކަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔު) އިންވެސް ތާއީދުކުރިއެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލަރު އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ ކޮލެޖެއް، ޔުނިވާސިޓީއަކަށް ބަދަލުކުރާނަމަ ކިޔަވައިދޭ ކޯސްތަކުގެ 70 ޕަސެންޓް ވާން ޖެހޭނީ އެތަނެއްގެ އަމިއްލަ ކޯސްތަކަށް ކަމަށެވެ. އަދި އެތަނެއްގައި ކިޔަވައިދިނުމުގެ ޒިންމާއާ ހަވާލުވެ ތިބެން ޖެހޭނީ ދާއިމީ މުވައްޒަފުންނަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ވައިސް ޗާންސެލަރު އައިޝަތު ވަހީދާ ވިދާޅުވީ 15 އަހަރުން ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ ގޮތަށް ގާނޫނަށް ހުށަހަޅަން އުޅޭ އިސްލާހާ މެދު އެތަނުގެ ހިޔާލު ތަފާތު ކަމަށެވެ. ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގަން އެންމެ ރަނގަޅު މުއްދަތަކީ 20 އަހަރު ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.