އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަނިކޮށް ގެއްލުނު ދެމަފިރިން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އިނގިރޭސި ވިލާތާއި ކެނާޑާއަށް ނިސްބަތްވާ އެ ދެމަފިރިން ޔޮޓެއްގައި ދަތުރުކުރަނިކޮށް ގެއްލިގެން ރިޕޯޓް ކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އެ މީހުން ފެނިފައިވަނީ ލައިފް ރާފްޓެއްގައި އެޓްލާންޓިކް ކަނޑުގައި އޮންނަ ސޭބަލް އައިލެންޑަށް ލައްގާފައި އޮއްވައެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ކެނެޑާގެ ރޯޔަލް ކެނޭޑިއަން ފުލުހުން ވަނީ އެ ހާދިސާގެ ތަހުގީގު ފަށައިފައެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކާ ހަވާލާދީ ކެނެޑާގެ ނޫހަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އެ ދެމަފިރިން ދަތުރުކުރި ޔޮޓު ކާގޯ ބޯޓެއްގައި ޖެހި ވަނީ އަޑިއަށް ގޮސްފައެވެ.