ލޭ ހޯދުމަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް، ލޭ ދޭން ބޭނުންވާ މީހާއާއި ލޭ ބޭނުންވާ މީހާ ގުޅުވާލަ ދޭން ހާއްސަ އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.
ރޯޝަނީ ބިލްޑިގުގައި މިއަދު ބޭއްވި ހާއްސަ ހަފުލާގައި "ލޭ" އެޕްލިކޭޝަން ތައާރަފު ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލެވެ.
ހެލްތު މިނިސްޓްރީން ބުނީ، ލެއާ ގުޅުންހުރި ހުރިހާ ހިދުމަތެއް އެއް ޕްލެޓްފޯމަކުން ލިބިގެންދާ އެ އެޕްލިކޭޝަން މެދުވެރިކޮށް ލޭ ދޭން ބޭނުންވާ މީހާއާއި ލޭ ބޭނުންވާ މީހާ ގުޅުވާލަ ދިނުމުގެ އިތުރުން މީހަކު ލޭ ބޭނުންވެގެން އުޅޭކަން ޑޯނަރުންނަށް ވަގުތުން އެލާޓް ފޮނުވާލާނެއެވެ. އަދި ޑޮނޭޝަން ޗެކު ކުރުމާއި ގަވާއިދުން ލޭ އަޅާ މީހުން ޓްރާންސް ސްޓޭޝަންގެ ހިދުމަތްތައްވެސް މޮނީޓާ ކުރެވޭނެއެވެ.
ހަފުލާގައި ވާހަކަދައްކަމުން ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތް ސާވިސަސް ޑރ. އަހުމަދު އަޝްރަފު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކަށްވުރެ އާބާދީގެ ނިސްބަތުން ލޭ އަޅަންޖެހޭ ލެތެސީމިއާ މީހުން ރާއްޖޭގައި ގިނައިރު، މިހާރުވެސް ލެތެސިމިއާގެ ލޭ ގަވާއިދުން ބޭނުންވާ 600 ވުރެ ގިނަ ކުދިން އެބަ ތިބި ކަމަށެވެ. އަދި އެ ކުންދިންނަށް ބޭނުންވާ ލޭ ރައްކާކޮށް ގަވާއިދުން މެނޭޖުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާރުވެސް ގިނަ މީހުން ލޭ ބޭނުންވެގެން ގިނަ ފަހަރަށް ބޭނުންކުރަނީ ސޯޝަލް މީޑިއާ ކަމަށާއި ލޭ އެޕްލިކޭޝަނުން ވަގުތު ސަލާމަތްކޮށްދީ ލޭ ލިބޭނެ މަގުފަހިކޮށްދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ލޭ އެޕް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހުރި ލޭގެ ބާވަތްތަކާއި ލޭ ހުރި މިންވަރުތައް ފެންނަ ގޮތް ހަދާނެ ކަމަށްވެސް ވިދާޅުވިއެވެ.
- ރިއަލް-ޓައިމް އެލާޓްސް
- ޑޯނަރުންގެ ބައިވެރިވުން އިތުރުކޮށްދިނުން
- ރެކޯޑުތައް ބެލެހެއްޓުން ރަނގަޅުކުރުން
- މުޖުތަމައުގެ ހޭލުންތެރިކަމާއި ތައުލީމު
- ލޭ ބޭނުންވާ އިމަޖެންސީ ހާލަތްތަކުގައި އަވަސް ހައްލަކަށް މަސައްކަތްކުރުން
ލޭ އެޕްގެ ހިދުމަތް އަންނަ މަހުގެ އެއްވަނަ ދުވަހު ފަށަން ނިންމާފައިވާއިރު، ޑޯނަރެއްގެ ގޮތުގައި ރަޖިސްޓާ ކުރުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލައިފައެވެ. އެގޮތުން https://register.ley.mv/ އަށް ގޮސް ޑޯނަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު