ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް އެލައިޑް އިންޝުއަރަންސުން އިސްނަގައިގެން، ކަންބަލުންނަށް ހާއްސަ ތަފާތު ހަރަކާތްތަކެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

އެލައިޑުން މިއަދު ބުނީ އެ ކުންފުނިން ކަނބަލުން ބާރުވެރިކުރުވުމުގެ ނިޔަތުގައި ތައާރަފުކޮށްފައިވާ ލައިފް އިންޝުއަރަންސް ޕްލޭން "ކަމަނަ" ނަގާފައިވާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާއާ އެކު ހާއްސަ ހަދިޔާއެއް މިއަދު އަރުވާފައިވާ ކަމަށެވެ. މިއީ މިޕްލޭން ނަގާފައިވާ ކަނބަލުންގެ ހިތްވަރަށް ސާބަސް ދިނުމުގެ ގޮތުން ދިން ހަދިޔާއެއް ކަމަށް ވެސް އެލައިޑުން ބުންޏެވެ.

"ކަމަނަ" ޕްލޭނަކީ އަންހެނުން ބާރުވެރިކުރުމުގެ ގޮތުން އިންޝުއަރަންސް ކުންފުންޏަކުން ކުރެވިދާނެ ކަންތައްތައް ދިރާސާ ކުރުމަށްފަހު ހޯދުނު ތަފާސް ހިސާބުތަކުގެ މައްޗައް ތައްޔާރު ކޮށްފައިވާ ޕްލޭނެކެވެ. މިދިރާސާތަކުން ފާހަގަވި ގޮތުގައި، ރާއްޖޭގައި ވަކި އުމުރަކަށް އެޅޭއިރު އަންހެނުންގެ ފުރާނަޔަށް ގެއްލުން ހުރި ބަލިތައް ކުރިމަތިވާ ނިސްބަތް އިތުރެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ދިރިއުޅުން ބިނާކުރުމަށް ކުރާ މަސައްކަތް ހުއްޓި، އާމްދަނީ ހޯދަން ހުރަސް އެޅޭ ކަމަށް އެލައިޑުން ބުންޏެވެ.

"ކަމަނަ" ޕޮލިސީއަކީ މިކަންކަމަށް ހައްލު ހޯދައިދިނުމަށް އެހީވެދޭ ޕްލޭނެއް ކަމަށެވެ. އަދި އެކްސިޑެންޓެއްގެ ސަބަބުން ނުކުޅެދުންތެރިކަމެއް ކުރިމަތިވުމުން ވެސް މި ޕްލޭނުން ކަވާ ކޮށްދޭނެ ކަމަށް ވެސް އެލައިޑުން ބުންޏެވެ.

"މިޕޮލިސީގެ އެންމެ ފައިދާ ހުރި ކަމަކީ، އެފަދަ ހާލަތެއް ކުރިމަތިވުމުން ކަވަރޭޖް ފޯރުކޮށްދިން ކަމުގައިވިޔަސް، ޕޮލިސީގެ މުއްދަތު ހަމަވަންދެން އެލައިޑުން ފައިސާ ދައްކާގޮތަށް ޕޮލިސީ ކުރިޔަށްދާނެކަމުގެ ޔަގީންކަމެވެ. ހަމަ މިއާއެކު، ޕޮލިސީ ހިނގަމުންދާ މުއްދަތުގައި ލިބޭ އިމަޖެންސީ ފަންޑް ކޮންމެ 2 އަހަރަކުން 1 އަހަރު ލިބުމާ އެކު ޕޮލިސީގެ މުއްދަތު ހަމަވުމުން، މެޗުރިޓީ ބެނެފިޓް އާއި ޕޮލިސީ ހިނގަމުން ދިޔަ މުއްދަތުގެ ތެރޭގައި އެކިޔުމުލޭޓްވެފައިވާ ބޯނަސްވެސް ލިބެއެވެ." އެލައިޑުން ބުންޏެވެ.

އެލައިޑުން ބުނި ގޮތުގައި މި ޕޮލިސީ ފަރުމާކޮށްފައި ވަނީ ހެޔޮ އަގެއް ދައްކަންޖެހޭ ގޮތަށް، 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ނެގޭ ގޮތަށެވެ.

"އެގޮތުން މިސާލަކަށް، 25 އަހަރުގެ ބޭފުޅެއް 1 ލައްކަ ރުފިޔާގެ ޕޮލިސީއެއް ނަގާނަމަ މަހަކަށް ގާތްގަނޑަކަށް ދައްކާލަން މި ޖެހެނީ އެންމެ 600 ރުފިޔާއެވެ. ނުވަތަ ޕްލޭން ނަންގަވާ ފަރާތެއްގެ އާމްދަނީ އާއި ދިރިއުޅުން ބައްޓަން ކުރެވިފައިވާ ގޮތަށް ބިނާކޮށް އެފަރާތަކަށް އެކަށީގެންވާ ގޮތަށް ޕްލޭން ކަސްޓަމައިޒް ކޮށްލުމުގެ ފުރުސަތުވެސް ލިބެއެވެ،" އެލައިޑުން ބުންޏެވެ.

މީގެ އިތުރުން، އަންހެނުންގެ ދުވަހާ ގުޅުވައިގެން ކުންފުނީގެ އަންހެން މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ވަނީ އިތުރު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ.

އެލައިޑުން އަބަދުވެސް މަސައްކަތް ކުރާނީ މިންތީގެ ހަމަހަމަކަން ގެނައުމަށް ބޭނުންވާ ދާއިރާތައް ފާހަގަކޮށް އެކަންކަން ރަނގަޅު ކުރުމަށް އެހީތެރިވުމަށް ކަމަށްވެސް ބުންޏެވެ.