މަތީ ސާނަވީގެ ދެ އަހަރަކީ، ދަރިވަރުންގެ ހަލާތުގެ އެންމެ މުހިންމު އެއް މަރުހަލާ ކަމަށާއި އެ މަރުހަލާގައި އުންމީދު ކަނޑާނުލައި ގަދައަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް 45 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ސެންޓަރުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، އެ ސެންޓަރަކީ އެ މަނިކުފާނުވެސް ތައުލީމު ހާސިލްކުރެއްވި ސެންޓަރެއް ކަމަށެވެ. އެގޮތުން، 1995-1997 އަށް އެއިރުގެ ސައިންސް އެންޑް އެޑިއުކޭޝަން ސެންޓަރުގައި އެ މަނިކުފާނު ތައުލީމު ހާސިލް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަތީ ސާނަވީ ނުވަތަ އޭ ލެވެލްގެ ދެ އަހަރަކީ، ދަރިވަރުންގެ ހަޔާތުގައި އަންނާނެ އެންމެ މުހިންމު ދެ އަހަރު ކަމަށެވެ. އެގޮތުން، އެއީ އެ ދަރިވަރުގެ މުސްތަގުބަލާ މެދު ގޮތް ނިންމާ ދެ އަހަރު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކާމިޔާބީއަށް ވާސިލްވުމަށް އެންމެ މުހިންމު އެއް ކަމަކީ ވަރުގަދަ އަޒުމެއް އޮތުމާ އެކު އެކަމަކަށް ގަދައަޅައި މަސައްކަތް ކުރުން ކަމަށެވެ.

"ގިވްއަޕް ނުކުރާތި، އެއްވެސް ކަމެއްގައި އުންމީދު ކަނޑާލައިގެން ނުވާނެ. މާޔޫސްވާ ވަގުތުވެސް އަންނާނެ، އެ ބޭނުންވާ ނަތީޖާ ޔުނިޓު ޓެސްޓަކުން ނުވަތަ ޓާމް ޓެސްޓަކުން ނުލިބިދާނެ. ނަމަވެސް އުންމީދު ކަނޑާނުލާތި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދަރިވަރުންނާއި ބެލެނިވެރިން އުޅޭ ދަތި ހާލު ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށާއި އެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ފުރުސަތުތައް މިހާރުވެސް ފައްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އަތޮޅުތެރެ އާއި މާލޭގައި އޭ ލެވެލްއަށް ކިޔެވޭނެ ފުރުސަތުތައް އިތުރުކޮށް، ރަނގަޅު ޓީޗަރުން އިތުރުކުރުމުގެ މަސައްކަތްވެސް ކުރައްވަމުން އަންނަ ކަމަށެވެ