ދުނިޔޭގައި އެންމެ މަދުން ފެންނަ ބާވަތުގެ ބުޅަލުގެ އާބާދީ އިތުރުވެއްޖެއެވެ.

ދުނިޔޭގައި އެންމެ މަދުން ފެންނަ އަދި އެ ބުޅަލުގެ ބާވަތް ނެތިގެން ހިނގައިދާނެ ކަމަށް ބެލެވިފައިވާ އައިބީރިއަން ލީންކްސް ނަމަކަށް ކިޔާ ބާވަތުގެ ބުޅަލުގެ އާބާދީ އިތުރުވެފައިވާ ކަމަށާއި އެހެންވެ ނެތިދާނެ ކަމަށް ބެލެވޭ ލިސްޓުން އެ ބާވަތުގެ ބުޅާ އުނިކޮށްފައިވާކަމަށް އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ''އައިޔޫސީއެން'' އިން ބުނެފައިވެއެވެ.

''އައިޔޫސީއެން'' ބުރާސްފަތި ދުވަހު އާންމު ކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން އެ ބާވަތުގެ ބުޅަލުގެ 62 ބުޅާ 2001 ވަނަ އަހަރު ދުނިޔޭގައި އުޅުނު ކަމަށް ރިކޯޑު ކޮށްފައިވެއެވެ.

އައިޔޫސީއެން އިން ވަނީ 2001 ވަނަ އަހަރު 62 ބުޅާ ފެނިފައިވާއިރު 2022 ވަނަ އަހަރު 648 ބުޅާ ފެނިފައިވާ ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށް ބުނެފައެވެ. އައިޔޫސީއެންގެ މައުލޫމާތުން ހާމަވާގޮތުން އައިބީރިއަން ލީންކްސްގެ ޅަބުޅަލާއި ދުވަސްވީ ބުޅާ ހިމެނޭހެން މިހާރު ދުނިޔޭގައި 2000 އަށްވުރެ ގިނަ ބުޅާ ދިރިއުޅޭނެ އެވެ.

މިބާވަތުގެ ބުޅާ އާންމުގޮތެއްގައި ގިނައިން ފެންނަނީ ސްޕެއިން އާއި ޕޯޗުގަލްއިންނެވެ.