ޕައިލެޓްކަން ކިޔަވައިގެން އަންނަ ދަރިވަރުންނަށް ރާއްޖޭގައި ވަޒީފާތައް މަދުވުމުންނާއި އެ ދަރިވަރުންނަށް ބޭނުންވާ ވަރަށް ފުރުސަތު ދެވެން ނެތުމުން، ސަރުކާރުގެ ހަރަދުގައި މި އަހަރު ޕައިލެޓްކަން ކިޔަވަން ދިން ޖާގަތައް މަދުކޮށްފައިވާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިއަދު އުމަރު ޒާހިރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ މިދިޔަ އަހަރު 500 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނު ދީފައިވާ ކަމަށެވެ. އަދި ޕައިލެޓް ލައިސަންސް ނަގާފައިވާ 200 ފަރާތްތަކުން ވަޒީފާއެއް ނެތިފައި އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މާނަޔަކީ ޕައިލެޓް ލައިސަންސްގެ 500 ކުދިން މިސާލަކަށް އަޅުގަނޑުމެންނަށް ކުރިޔަށް އޮތް ތަނުގައި ތިބޭނޭ އެކަމަކު ކޮންތާކުންތޯ އެކުދިންނަށް ވަޒީފާގެ ފުރުސަތު ފޯރުކޮށްދޭނީ. ގިނަ ފުރުސަތު އެއް ދާއިރާ އަކުން ދީފައިވުމުން ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ކަމާގުޅުން ހުރި އެހެން އިދާރާތާތަކުން ގިނަ ޝަކުވަތަކާއި ކަންބޮޑުވުންތައް މިނިސްޓްރީއާ ހިއްސާކޮށްފައިވޭ. ދަރިވަރުންނަށް ޕްލޭސްމަންޓްއާ ވިސާގެ ގިނަ ގޮންޖެހުންތައް ކުރިމަތިވޭ،" މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެއް ދާއިރާއަކުން އެހާ ގިނަ ކުދިން ތައުލީމު ހާސިލުކުރުމުން، ރާއްޖެއިން އެ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ހަނިވެފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން މިއަހަރު ޕައިލެޓްކަން ކިޔެވުމަށް ދޭން ނިންމާފައިވަނީ 10 ޖާގަ ކަމަށެވެ.
އެ ފުރުސަތުގެ ތެރެއިން ޝަރުތު ހަމަވާ 148 އެޕްލިކޭޝަން ލިިބިފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހުންނަ ފްލައިން ސްކޫލުގެ ކެޕޭސިޓީއަށް ބެލުމަށް ފަހު، ހަޔާ އެޑިއުކޭޝަނުން ނިންމާފައިވަނީ ޕައިލެޓް ލައިސަންސް އަށް ކިޔެވުމަށް ފުރުސަތު މެރިޓް އުސޫލުން އެންމެ މަތިން މާކްސް ހޯދާ 10 ދަރިވަރުންނަށް ދިނުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ އެ ފުރުސަތުތައް ހޯދުމަށް ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ އެހެން ހުރިހާ ދަރިވަރުން މި އަހަރު އިއުލާނުކޮށްފައިވާ ދާއިރާތަކާއި ސްލޮޓްތަކުގެ ތެރެއިން އެދަރިވަރަކު ޝަރުތު ހަމަވާ ސްލޮޓްތަކަށް ބަދަލުވުމުގެ އިހުތިޔާރު ދިނުމަށް ހަޔާ އެޑިއުކޭޝަނުން ނިންމާފައިވާ ކަމަށެވެ.
"އެހެންނަމަވެސް މިއަދު ދާއިމީ ނަތީޖާ އިއުލާ ނުކުރަނީ ޕައިލެޓް ލައިސަންސް ފިޔަވާ އެހެން ހުރިހާ ދާއިރާތަކަކުންކަން ފާހަގަކޮށްލަން. ޕައިލަޓް ލައިސަންސްގެ ވަގުތީ ނަތީޖާ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ. އަދި ޕައިލެޓް ލައިސަންސް ހަދަން ލޯނަށް އެދުނު ދަރިވަރުންގެ ދާއިމީ ނަތީޖާއާ އެކު ހުރިހާ ދާއިރާތަކެއްގެ ދާއިމީ ނަތީޖާ ޝަކުވާ ހުށަހަޅަންދޭ މުއްދަތަށްފަހު އިއުލާނުކުރެވޭ،" މާރިޔާ ވިދާޅުވިއެވެ.
މި އަހަރުގެ މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި އެޕްލިކޭޝަނަށް 1709 ދަރިވަރުން ހުށަހަޅާފައިވެއެވެ. އެގޮތުން މި އަހަރުގެ ލޯނަށް 1،153 ދަރިވަރުން ކޮލިފައި ވެފައިވާ އިރު، އޭގެ ތެރެއިން ޝަތުރު ހަމަވެ ލޯނު ދިނުމަށް ނިންމާފައިވަނީ 1015 ދަރިވަރަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު