ގާ ހުދުވާތީ ވަގުތީ ގޮތުން އެޅި ފިޔަވަޅުތައް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އުވާލައިފިއެވެ.

ފަރުތަކުން ގާ ހުދުވާތީ، ބިން ހިއްކުން ފަދަ މަޝްރޫތައް އެއް މަސް ދުވަހުގެ މުއްދަތަށް މެދުކަނޑާލަން އީޕީއޭއިން އެންގީ މިިދޔަ މަހުގެ ދިހަ ވަނަ ދުވަހުއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެއް މަސް ދުވަހަށް އެފަދަ މަސައްކަތްތައް މަޑު ޖައްސާލާފައި ވަނީ ލިބޭ ގެއްލުންތައް ކުޑަކުރުމަށް، މިޓިގޭޝަން ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. ނަމަވެސް މިހާރު ކަނޑުގެ ލޮނުގަނޑުގައި ހުރި ހޫނު މިން ދަށްވަމުންދާ ކަމަށާއި ގާތަށް ހުދުވުންވެސް މަޑުޖެހެމުން އަންނަ ކަމަށް އީޕީއޭއިން އިން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ގާ ހުދުވުމުގެ މިހާރުގެ ހާލަތަށް ބަލައި އެލާޓް 1 އަދި 2 އިން، ވޮޗް ސްޓޭޖަށް މިހާރު ވަނީ ބަދަލުކޮށްފައި ކަމަށްވެސް ބުންޏެވެ.

މިހާތަނަށް ލިބިފައިވާ ފޮޓޯ އަދި ފީލްޑް އޮބްޒަވޭޝަންތަކުން، ރާއްޖޭގެ ފަރުތަކުގެ ބޮޑު ބަޔަކަށް ގާ ހުދުވުމުގެ އަސަރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެކްރޮޕޯރާ އަދި ޕޮކިލޮޕްރާ ވައްތަރުގެ މުރަކައަށް ލިބިފައިވާ ގެއްލުން ކުޑަ ކަމަށާއި އޭގެ ސަބަބެއްކަމުގައި ބެލެވިފައި ވަނީ މޫސުމީ ބަދަލަށް ހޭނުމާއި މުރަކަ ހެދޭ ރޭޓަށް ބަދަލުއައުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މީގެ ކުރިން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ގާ ހުދުވުމުގެ މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ރާއްޖެއަށް އެކަނި ހައްލެއް ނުކުރެވޭނެ ކަމަށެވެ. އަދި މި ފަހަރުގެ ގާ ހުދުވުމުގެ މައްސަލަ ޕެސިފިކް، އެޓްލާންޓިކް، އަދި އިންޑިއަން އޯޝަން ސަރަހައްދުގެ ގިނަ ގައުމުތަކަށް ކުރިމަތިވި ކަމަށާއި މިއީ ހަތަރު ވަނައަށް އެންމެ ބޮޑަށް ގާ ހުދުވުމުގެ މައްސަލަ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ، ވޮޗް އަދި މޮނިޓަރިން ހާލަތަށް ބަދަލުވެފައިވީ ނަމަވެސް، މުރަކަތަކުގެ ހާލަތު އަދިވެސް ވަރަށް ނާޒުކު ކަމަށެވެ. އެހެންކަމުން، މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓްތަކުގައި ހުރި ކަންކަމަށް ރިއާޔަތްކޮށްގެން މަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމަށާއި ލިބިފައިވާ ގެއްލުމުގެ ދިރާސާއެއް ހަދަން ޖެހޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަން ކުރެވިގެންދާނެ ކަމަށާއި ލިބިފައިވާ ގެއްލުމުގެ ފުރިހަމަ ތަސްވީރެއް އެނގެން ދުވަސްކޮޅެއް ނެގުން އެކަށީގެން ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގާ ހުދުވުމުގެ ސަބަބުން އިއްޔެއާ ހަމައަށް ގާތްގަނޑަކަށް 200 މަޝްރޫއެއްގެ ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ ކޮމްޕޯނެންޓްތައް އޮތީ ހުއްޓުވައިފައެވެ.