އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން (އައިސީއެސްއާރްއައި) ގެ އަށް ވަނަ ކޮންފަރެންސް ފަށައިފިއެވެ.
މި ކޮންފަރެންސަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮ ރިސާޗް އެންޑް އިނޮވޭޝަން (އައިއާރްއައި) އިން ކުރިއަށް ގެންދާ ރިސާޗް ކޮންފަރެންސެކެވެ.
މި އަހަރުގެ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައިފައި ވަނީ ރާއްޖޭގައި ހުންނަވާ ޔޫއެން ރެޒިޑެންޑް ކޯޑިނޭޓަރު ބްރޭޑްލީ ޖ. ބުސެޓޯއެވެ.
އިއްޔެ ފެށި މި ކޮންފަރެންސް ކުރިއަށް ދާނީ މިއަދުގެ ނިޔަލަށެވެ.
ވިލާ ކޮލެޖުން ބުނި ގޮތުގައި، މި ކޮންފަރެންސްގެ ބޭނުމަކީ ދިރާސާކުރާ ފަރާތްތަކާއި ދަރިވަރުންނާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނަށް އެ މީހުންގެ ދިރާސާގެ ހޯދުންތައް ހުށަހަޅައި އެކި ކަންކަމާ މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމެ ޕްލެޓްފޯމެއް ފަހިކޮށްދިނުމެވެ.
މި ކޮންފަރަންސް ހުޅުވުމުގެ ރަސްމީޔާތުގައި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރު-ރިސާޗް އެންޑް އިނޮވޭޝަން ޑރ. މުހައްމަދް އާދިލް ވިދާޅުވީ، އެ ކޮންފަރެންސްގެ ސަބަބުން އާ މިސްރާބުތަކާ ބެހޭގޮތުން ހަރުދަނާ މަޝްވަރާތަކާއި އިޖުތިމާއީ އިލްމާއި ތަރައްގީގެ ދާއިރާތަކުގައި އާ އުސޫލުތައް އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ވިލާ ކޮލެޖުގެ އައިއާރްއައި ކޮންފަރެންސްގެ މިއަހަރުގެ ތީމްއަކީ "އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިން ދަ ޕާތު އަހެޑް" އެވެ. އެ ތީމްގެ ދަށުން އަށް ދާއިރާއަކުން 53 ކަރުދާހެއް އެ ކޮންފަރެންސަށް ހުށަހަޅާފައިވެއެވެ. އެއީ ޕޮލިސީ، ލޯ އެންޑް ގަވަނަންސް، އެންޓްރަޕްރެނާޝިޕް، ފައިނޭންސް އެންޑް އިންޑަސްޓްރީ، އެންވަޔަރަމަންޓް، ސަސްޓެއިނެބިލިޓީ އެންޑް ޑިވެލޮޕްމަންޓް، ހިޔުމަން ރައިޓްސް، ޖެންޑާ އެންޑް ސޮސައިޓީ، އެޑިޔުކޭޝަން، ލެންގުއޭޖް އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ހެލްތު، ނާސިން އެންޑް ސޯޝަލް ވޯކް، ސައިކޮލޮޖީ، ލައިފްސްޓައިލް އެންޑް ވެލް ބީން އަދި އިންޖިނިއަރިން، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަންއެވެ.
ކޮންފަރެންސްގެ ބައިވެރިންނަން މަރުހަބާ ދަންނަވައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރު ވިދާޅުވީ، އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން އަކީ ވިލާ ކޮލެޖުގެ ކަލަންޑަރުގައި ބާއްވާ މުހިންމު އެއް އިވެންޓް ކަމަށާއި މިއީ މިހާރު ދިވެހި ރާއްޖޭގެ އެކަޑަމިކް ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި ދިރާސާވެރިންގެ މެދުގައި އަހަރަކު އެއް ފަހަރު ބާއްވާ، ވަރަށް ފާހަގަކޮށްލެވޭ އިވެންޓެއް ކަމަށެވެ.
މި ކޮންފަރަސްގައި ހުށަހެޅި 53 ކަރުދާހުގެ އިތުރުން "އިނޮވޭޝަންސް ފޮ ސަސްޓެއިނެބިލިޓީ: ފޯޖިން ދަ ޕާތު އަހެޑް" އާ ގުޅޭ ފަސް ޕެނަލް ބައްދަލުވުމާއި ހަތަރު ބޭފުޅެއްގެ ކީ ނޯޓް ސްޕީޗްވެސް އޮންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު