ކެންސަރު ފަރުވާއަށް އިތުރު ސާޖަރީއެއް ހެދުމަށް ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ އެޑްމިޓްކޮށްފިއެވެ.
ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު، "މެޓަސްޓެޓިސް ސީރަސް ޕަޕިލަރީ ކާސިނޯމާ"އަށް މިނިސްޓަރު ރަމީލާ ފަރުވާ ހޯއްދަވާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވެސް ރަމީލާ ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.
މިނިސްޓަރު ރަމީލާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުރު ސާޖަރީއެއް ހެދުމަށާއި ކީމޯތެރަޕީ އަދި އިމިއުނޯތެރަޕީއަށް އެޑްމިޓްކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ކުރިމަތިވާ ގޮންޖެހުންތަކަށް ގިނަ ބައެއްގެ ހެޔޮ ދުއާއާއެކު ސާބިތުވެ ހުންނެވި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ކެންސަރަށް ފަރުވާ ހޯއްދެވުމަށް މިނިސްޓަރު ރަމީލާ ރާއްޖެއިން ބޭރަށް ފުރަތަމަ ފުރާވަޑައިގެންނެވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ. އެއަށްފަހު ރާއްޖެ ވަޑައިގެން މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު މިނިސްޓަރު ވަނީ އަލުން އޮފީހަށް ނުކުންނަވަން ފައްޓަވައިފައެވެ.
ކެންސަރު ޖެހިވަޑައިގެންފައިވާކަން މިނިސްޓަރު އެންމެ ފުރަތަމަ އާންމުކުރެއްވީ ވެސް މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި މިނިސްޓަރު ވިދާޅުވެފައިވަނީ ކެންސަރު ބަލީގައި އުޅުއްވާ ކަމަށާއި އެ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށެވެ. ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ ކީމޯ ނެންގެވުމަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ ކުރިން މިނިސްޓަރު ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާއި ހެލްތު އެންޑް އެންޑް ފެމެލީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު