މާލެ ކައިރީގައި އޮންނަ ދިޔަނެރު ފަރަށް އެރި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ކުންފުންޏެއްގެ ޓަގު ބޯޓެއް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޓަގު އޭއެމް އެޑްވޭ (އައި އެމް އޯ: 9563081) އާއި އެ ޓަގާއެކު ރާއްޖެ އައި ބާޖު އެރޮން ދިރަނެރު ފަރަށް އެރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
އެ އުޅަނދުތައް ފުންކޮށްފައިވަނީ، އޭގެ އެއް ދުވަސް ފަހުން 24 ސެޕްޓެމްބަރު 2023 ގައެވެ.
އީޕީއޭއިން ބުނީ، ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން 28 ސެޕްޓެމްބަރު 2023 ގައި އެ ފަރުގައި އެ އުޅަނދުގެ ވެރި ފަރާތުން އައްޔަން ކުރި ސާވެޔަރުންނާ އެކު ޖޮއިންޓް ސާވޭއެއް ކޮށްފައިވާ ކަމަށާއި އެ އުޅަނދުތައް ފަރަށް އެރި ސަރަހައްދުތައް ބެލި ބެލުމުން އެ ޓަގު އެރި ސަރަހައްދަށް 804 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާ ކަމަށެވެ. ނަމަވެސް، ބާޖު އެރި ސަރަހައްދަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އީޕީއޭއިން ބުންޏެވެ.
"އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ދި މިޑްލް އީސްޓް މެރިން އެލްއެލްސީ ވަނީ 20,246,600( (ވިހި މިލިއަން ދެލައްކަ ސާޅީސް ހަހާސް ހަސަތޭކަ) ދިވެހި ރުފިޔާއިން 3 ޖޫން 2024 ގައި ޖޫރިމަނާ ކުރެވިފައެވެ،" އީޕީއޭގެ ބަޔާނުގައިވެއެވެ.
އީޕީއޭއިން ބުނީ، ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އަންގާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު