ރަސްމާލެ ހިއްކުމުގެ މަޝްރޫއު ސަރުކާރުން ރޭވި ގޮތަށް މިހާތަނަށް ކުރިއަށް ނުގެންދެވުނު ކަމަށާއި އެހެންވެ އެ މަަސައްކަތް ކުރެވޭނެ އެހެން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮންސްޓްރަކްޝަން އެންޑް ޕްލޭނިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރު ހިއްކަން ހަމަޖެހިފައިވާ އިރު، އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ ހުޅުމާލެ އިން 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދީގެންނެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ބަންޑު ވޯލް އެޅުމުގެ މަސައްކަތް ފަށާފައިވާ އިރު، އެ ތަނުން ދިހަ ހެކްޓަރު ވަނީ ހިއްކައިފައެވެ. ނަމަވެސް އޭގެ ފަހުން އެ މަޝްރޫއުގެ މާބޮޑު މަސައްކަތެއް ކުރިއަކަށް ނުދެއެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސީއެމްސީސީއާ ރަސްމާލެ ހިއްކަން ހަވާކުރީ ދައުލަތަށް އެއްވެސް ބުރައެއް ލިބޭ ގޮތަށް ނޫން ކަމަށާއި އެ ކުންފުނިން އޭރު ހުށަހެޅީ ވަރަށް ރަނގަޅު ހުށަހެޅުމެއް ކަމަށެވެ. ނަމަވެސް އެ ކުންފުންޏަށް ފައިސާ ނުހޯދިގެން އެ މަޝްރޫއު ކުރިއަށް ނުގެންދެވި މަޑުޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރަސްމާލެ މަޝްރޫއު ކުރިއަށްގެންދަން ސަރުކާރުން އެހެން ގޮތްތަކެއް މިހާރު ހޯދަމުން އަންނަ ކަމަށާއި މަޝްރޫއުގެ މަސައްކަތް ކުރިން ތާވަލުކުރި ތާރީހަށްވުރެ ލަސްވާނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އޭރުގައި ވިދާޅުވީ، މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް، އެހެން ނަމަވެސް މިހާރު ފަށައިގެން އަށް މަސް ދުވަހުގެ ތެރޭގައި ނުނިންމޭނެ. ނަމަވެސް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މިއަހަރު ނިމެންވާއިރަށް ބިން ހިއްކުމާ ކަންކަން ކުރިއަށް ގެންގޮސް، ހައުސިންއާއި އެ ނޫންވެސް ކަންތައްތައް ފެށުމަށް ކުރަންޖެހޭ ކަންކަން ފެށުމަށް، އެތަނުގައި ފެނާއި ނަރުދަމާއާ އެކަންކަން ކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެ މަޝްރޫއު ކުރިއަށްގެންދަން 400 މިލިއަން ރުފިޔާ ބަޖެޓުގައި ޖެހުމުންވެސް ކަނޑާލާފައި އޮތުމުން ކަމަށެވެ. އެހެންވެ އެ މަޝްރޫއު ސީދާ މިނިސްޓްރީގެ ދަށުން ކުރިއަށް ގެންދެވެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެން މި ޖެހެނީ އެހެން ކަހަލަ ފައިނޭންސިން މޮޑެލްއެއްގެ ތެރެއިން ކުރިއަށް ދާން، އޭގެ މަސައްކަތް އެބަ ކުރިއަށްދޭ. އޭގެ ތަފްސީލު މާލަސްތަކެއް ނުވެ ހާމަ ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ގެނެސްދިނުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުންދާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފުލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު އެތަނުގައި ތަރައްގީކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު