ހުޅުމާލޭގައި ހަދަމުން އަންނަ އެނިމަލް ފެސިލިޓީ ދެ މަހެއްގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ފުޑް ސެކިއުރިޓީ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަމީލާ ވިދާޅުވީ، ހުޅުމާލޭގައި ހަދަމުން އަންނަ އެނިމަލް ފެސިލިޓީގެ ވަށައި ފެންސް ޖެހުމަށްފަހު އިއްޔެ އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ތަނުގައި މިހާރު ކުރަމުން އަންނަނީ ބަލި ޖެހިފައި ހުންނަ ބުޅަލާއި ބަލި ނުޖެހޭ ބުޅާ ވަކިކުރުމަށް އެތެރޭގައި ޕާޓިޝަންތައް ޖެހުމުގެ މަސައްކަތް ކަމަށާއި އެއާއެކު އެ ބިމުގައި ގަސް އިންދުމުގެ މަޝްރޫއެއްވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރަމީލާ ވިދާޅުވީ، އެ މަސައްކަތްތައް ނިންމައި ދެ މަހެއްގެ ތެރޭގައި އެ ފެސިލިޓީއަށް ބުޅާތައް ގެންދަން ފަށާނެ ކަމަށާއި އެގޮތުން ފުރަތަމަ ގެންދާނީ 120 ބުޅާ ކަމަށެވެ. އެކަމަށްޓަކައި ކެޓް ލަވާސް ޖަމިއްޔާތަކާއި މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލުން ގުޅިގެން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މާލޭ ސަރަހައްދުގައި އެންމެ ގިނައިން ބުޅާ އުޅޭ ސަަރަހައްދުތައް މިވަނީ އައިޑެންޓިފައި ކޮށްފައި. ފުރަތަމަ ބެޗުގައި މި ގެންދަނީ. ސަލްމާން މިސްކިތް ކައިރީގައި އުޅޭ 120 ބުޅާ" ރަމީލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފެސިލިޓީއަށް ގެންދާ ބުޅަލުގެ ދަފުތަރެއް އެކުލަވާލާނެ ކަމަށާއި ދެވަނަަ ބެޗު ގެންދާނީ ފުރަތަމަ ބެޗުގެ ބުޅާތައް ނިއުޓާ ކުރެވުމުން ކަމަށެވެ.
އެނިމަލް ވެލްފެއާ މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ބުޅާ ފެސިލިޓީ އެއްކޮށް ފުރިހަމަވުމުން ކަރަންޓީނު ކުރެވޭނެ ސަރަހައްދަކާއި ކްލިނިކަކާއި ފާމަސީ އަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ހިޔާވަހިކަން ހުންނާނެއެވެ. އަދި ބުޅާތަކަށް އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ހިދުމަތްތައް ލިބެން ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު