ސީޕްލޭން ޓާމިނަލް، ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް (ފުރަނަ ފުށި) އަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ސައީދު ވިދާޅުވީ، މިހާރުގެ ސީޕްލޭން ޓާމިނަލް ޖެޓް ޓާމިނަލަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ސީ ޕްލޭން ޓާމިނަލް މިހާރު ހުރި ތަނުގައި ޖެޓް ޓާމިނަލެއް ގާއިމްކޮށް އެ ވިޔަފާރި މުޅިން އަލަށް ރަސްމީކޮށް އުފަންކޮށްގެން ކުރިއަށް ވަޑައިގެންނެވުމަށް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ސީޕްލޭން ޖައްސާ ސަރަހައްދު ހިއްކައިގެން، އެ ސަރަހައްދުގައި ޑޮމެސްޓިކް ޓާމިނަލްގެ ޖާގަ އިތުރު ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ސީޕްލޭން ޓާމިނަލް ފުލް މޫނަށް ބަދަލު ކުރުމަކީ އެންމެ ފީޒަބަލް ވާނެ ގޮތް ކަމަށާއި އެ ނިންމުމަކީ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށް، މުޅި އޮޕަރޭޝަން ހަލުއި ކުރުމަށް ގެނެވޭ ބަދަލެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އިންޑަސްޓްރީ ރާއްޖޭގައި އޮތް އިރު މައި އެއާޕޯޓުގެ ލޭންޑިން، ޓޭކް އޮފްއަށް އަންނަ ބާރު ބޮޑުވުން ލުއި ކުރެވޭނީ ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކޮށްގެން ކަމަށެވެ.

އޭނާ ވިދާޅުވީ، މިހާރު ބޭނުން ކުރާ ސީޕްލޭން ޓާމިނަލްގެ ކެޕޭސިޓީ ހުރީ ފުލްވެފައި ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ވަރަށް ދުރަށް ވިސްނަވާފައި ތަރައްގީކުރެއްވުން ކަމަށެވެ. އެގޮތުން 20 އަހަރުގެ މާސްޓަޕްލޭނެއް ހައްދަވައި ގާނޫނީ ބާރުވެރިކަން ވެސް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ފަހަރަށް އިއުލާނު ކުރައްވާފައިވާ ކަންވެސް ސައީދު ފާހަގަ ކުރެއްވިއެވެ.