ބިން ރަޖިސްޓަރީވުން ލަސްވާތީ، އެއާޕޯޓުތަކުގެ ތަރައްގީގެ މަޝްރޫއުތައް ލަސްވަމުންދާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނެފިއެވެ.

އާރްއޭސީއެލްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، އެއާޕޯޓުތައް ތަރައްގީކުރުމަށްޓަކައި ކުރަމުން އަންނަ ބައެއް ބޮޑެތި މަޝްރޫއުތައް ފުރިހަމަނުވެ ލަސްވަމުން ދިއުމުގައި އެ ކުންފުންޏަށް ސީދާ ބާރު ނުފޯރުވޭ ބައެއް ކަންކަން ދިމާވަމުންދާ ކަމަށެވެ. އެހެންވެ، އެ ކުންފުނިން ބޭނުންވާ ސްޕީޑްގައި ކަންކަން ނުވެ ލަސްވަމުންދާ ކަމަށް ބުންޏެވެ.

އެގޮތުން، އެ ކުންފުންޏަށް އެއާޕޯޓުތައް ހިންގުމަށްޓަކައި ހަވާލުކުރެވިފައިވާ ބިންތަކަކީ އެކި ރަށްރަށަށް ނިސްބަތްވާ ބިންތަކުން ވަކިކުރެވިފައިވާ ސަރަހައްދުތަކެއް ކަމަށްވުމުން އެ ބިންތަކުގައި އެއާޕޯޓް ތަރައްގީކުރުމަށްޓަކައި ކުރެވެމުން އަންނަ މަސައްކަތްތަކަކީ އެކިއެކި ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ލިބިގެން، ކުރެހުންތައް އެޕްރޫވް ކުރެވިގެން ނޫނީ ކުރިއަށް ގެންދެވޭނެ ކަންކަމެއް ނޫން ކަމަށް އާރްއޭސީއެލްއިން ބުންޏެވެ.

އާރްއޭސީއެލްއިން ބުނީ، އެންމެ ފުރަތަމަ ކުރަން ޖެހޭ އެއް ކަމަކީ ބިން ރަޖިސްޓްރީ ކުރުން ކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް ބިން ރަޖިސްޓްރޭޝަންގެ ކަންކަން އެ ކުންފުންޏަށް ސީދާ ގޮތުން ބާރުނުފޯރުވޭ އެކި ސަބަބުތަކާ ހުރެ ފުރިހަމަ ވެފައިނުވާ ކަމަށެވެ.

"އާރްއޭސީއެލްއިން މި ދަނީ ލޭންޑް ރަޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރުމާ ގުޅުން ހުރި އެކިއެކި ފަރާތްތަކާ އެއްކޮށް ބާއްވަން ޖެހޭ ބައްދަލުވުންތައް ބޭއްވުމަށްޓަކައި ކުންފުނީގެ މެނޭޖުމަންޓް ފެންވަރުގެ ކޮމިޓީއެއް ގާއިމްކުރެވި ބައްދަލުވުންތަކުގެ މަސައްކަތްތައް ކުރަމުންނެވެ،" އެ ކުންފުނިން ބުންޏެވެ.

އާރްއޭސީއެލްއިން އިތުރަށް ބުނީ، މި ސަރުކާރުން އެއާޕޯޓްތަކުގެ ތަރައްގީގެ ގޮތުގައި ކުރުމަށް ނިންމާފައި ހުރި އެއްވެސް ކަމެއް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.