އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަން އިން ސިންގަޕޫރަށް ދަތުރު ކުރި ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި، އެ ފްލައިޓުން ދަތުރުކުރި އެކަކު މަރުވެއްޖެއެވެ.

ސިންގަޕޯ އެއާލައިންސްގެ 777-300 މަރުކާގެ ފްލައިޓް ކޮޅިގަނޑެއްގައި ޖެހުމުން ކުއްލި ގޮތަކަށް ވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކަށް ޖައްސައިފައެވެ. ޖުމުލަ 211 ފަސިންޖަރުންނާއި 18 ކުރޫ ދަތުރުކުރި އެ ފްލައިޓުން 53 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާއިރު 23 މީހަކަށާއި ނުވަ ކުރޫއަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީޑއާ ރިޕޯޓްތައް ބުނާ ގޮތުން އެ ހާދިސާގައި މަރުވެފައިވަނީ އުމުރުން 73 އަހަރުގެ އިނގިރޭސި ވިލާތަށް ނިސްބަތްވާ މީހެކެވެ. އެ މީހާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.

ހާދިސާ ތަހުގީގު ކުރުމަށް ސިންގަޕޫރުގެ ޓްރާންސްޕޯޓް ސޭފްޓީ އިންވެސްޓިގޭޝަން ބިއުރޯގެ އޮފިޝަލުން ހިމެނޭ ޓީމެއް ބެންކޮކަށް ދަތުރުކުރަމުންދާއިރު، ފޮޓޯތަކުން ފެންނަ ގޮތުގައި ހާދިސާގައި ފްލައިޓަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.