ބޯންމެރޯ ހެދުމަށް ސަރުކާރުން ރާއްޖޭން ބޭރަށް ފޮނުވި ފަސް ކުދީންގެ ތެރެއިން ތިންވަނަ ކުއްޖާގެ އޮޕަރޭޝަން ވެސް ކާމިޔާބު ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހެލްތު މިިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލް ވިދާޅުވީ ބޯންމެރޯ ހެދުމަށް ސަރުކާރުން ރާއްޖޭން ބޭރަށް ފޮނުވި ތިންވަނަ ކުއްޖާގެ ސިއްހަތު ރަނގަޅު ކަމަށެވެ.

"ބޯންމެރޭ އޮޕަރޭޝަން ކާމިޔާބުވި ދެ ކުދިންގެ އިތުރުން ތިންވަނަ ކުއްޖާގެ އޮފަރޭޝަންވެސް ކާމިޔާބު. ބާކީ ތިބި ދެ ކުދިންގެ ކްރޮސްމެޗު ހެދުމުގެ ކަންކަން ދަނީ ކުރިއަށް،" ހަލިލް ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި 10 ކުދީން ބޯންމެރޯ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ސަރުކާރުން ވަނީ ނިންމައިފައެެވެ. ރާއްޖޭގައި ކުރިން ބޯންމެރޯ ކްރޮސްމެޗް ޓެސްޓަކީ ވަރަށް ދަތި ހާލުން ހެދޭ ޓެސްޓެކެވެ.

މީގެ ކުރިން ބޯންމެރޯ މެޗްކުރުމަށް ހަދާ ޓެސްޓު ވެސް ޑޯނާއާއި ބަލިމީހާ ރާއްޖޭން ބޭރަށް ގޮސްގެން ނޫނީ ނުހެދެއެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތީން މިހާރު ރާއްޖެއިން އެ ޓެސްޓު ހެދޭނެ ގޮތްތައް ވަނީ ހަމަޖައްސައިފައެވެ.