ރާއްޖޭގައި ގިނަ އަންހެނުން ވަރިވާން ކޯޓަށް ދަނީ ފިރިމީހާ ވަގުތު ނުދޭ ކަމަށް ބުނެ ކަމަށާއި، އަނބިމީހާ ވަރި ކުރާ ސަބަބެއް ކަމަށް ގިނަ ފިރިހެނުން ބުނަނީ ކިޔަމަން ނުވާތީ ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ އާއިލާތަކުގެ ދުވަހާ ގުޅިގެން ގާޒީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ފެމިލީ ކޯޓަށް ހުށަހަޅާ މައްސަލަތަކަށް ބަލާއިރު ޒަވާޖީ ހަޔާތަށް މިއަދުގެ ޒުވާނުން ހޭލުންތެރިކަން ކުޑަ ކަމަށާއި އެ ހާލަތު ރަނގަޅު ކުރަން ތައުލީމީ މަރުހަލާތަކުގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރު ކުރަންޖެހޭ ކަމަށެވެ.
"އަނބިމީހާ ވަރިކުރަން ހުށަހަޅާ މައްސަލަތަކުގައި އެކުގައި ދިރިއުޅެން ބޭނުން ނުވާ މައިގަނޑު ސަބަބަކީ އަނބިމީހާ ކިޔަމަންތެރި ނުވާތީކަމަށް ވަރަށް ގިނަ ފިރިހެނުން ފާހަގަކުރޭ، ފިރިމީހާގެ ބަސް އަނބިމީހާގެ ކުރިމަތީގައި ނުވިކޭތީ އާއި ފިރިމީހާއަށް އިހުތިރާމު ނުކުރާތީ ކަމަށް ބުނޭ، އަނެއްކޮޅުން ވަރިވާން އެދޭ އަންހެނުންގެ ވާހަކަތަަކަށް ބަލާއިރު ފިރިމީހާ އަނބިދަރިންނަށް އަޅައިނުލުމަކީ މައިގަނޑު ސަބަބެއްގެ ގޮތުގައި އަންހެނުން ފާހަގަކުރޭ، ރައްޓެހިންނާއެކު ކޮފީތަކުގައި އެތައް ވަގުތެއް ފިރިމީހާ ހޭދަކުރާއިރު އަނބިމީހާއަށް ވަގުތުނުދޭކަމަށް ބުނޭ،"
ގާޒީ ވިދާޅުވީ، ކައިވެނި ރޫޅުމަށްފަހު ދަަރިންނާ ގުޅުންހުރި މައްސަލަަތައް ގިނަވަނީ ދަރިންގެ ހައްގުތަކަށްވުރެ އެހެން ކަންތައްތަކެއް އިސްކުރެވޭތީ ކަމަށެވެ. އަނެކާގެ ކިބައިން ބަދަލު ހިފުމާއި ޖެއްސުން ކުރުމުގެ ރޫހެއް ގެންގުޅޭތީ ކަމަށާއި، މައިންބަފައިންގެ ލޯތްބާއި އަޅާލުން ލިބުމަކީ ދަރިންގެ ހައްގެއް ކަމާއި ކައިވެނި ރޫޅުނަސް އެކުދިންގެ ހައްގުތަކުން މަހުރޫމު ނުކުރުމުގެ ވިސްނުން އިސްކުރާނަމަ ވަރަށް ގިނަ މައްސަލަތައް ކޯޓާ ހިސާބަށް ނުގޮސް ހައްލުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ގެވެށި އަނިޔާގެ މައްސަލަަތަކަށް ބަލާއިރު މައިންބަފައިންނަށް ދަރިންގެ ފަރާތުން ލިބޭ އަނިޔާތަކާއި، ބޭބެއިންނާއި ދައްތައިންނާއި ކޮއްކޮއިންގެ މެދުގައި ހިނގާ ގެވެށި އަނިޔާގެ އަމަލުތައް ގިނަވަމުންދާކަން ފާހަގަވޭ، އެފަދަ މައްސަލަތަކުގައި ރައްކާތެރި ކުރުމުގެ އަމުރުތައް ނެރެންޖެހޭ މިންވަރަށް ދަނީ އިތުރުވަމުން،" އޭނާ ވިދާޅުވިއެވެ.
އާއިލާގެ އުފާވެރިކަމަށްޓަކައި ކުރަންޖެހޭ ކަންތަކާ ބެހޭގޮތުން ގާޒީ ދެއްވި އިރުޝާދުގައި ވިދާޅުވެފައިވަނީ، އާއިލާ އެކުގައި ހޭދަކުރާ ވަގުތު ގިނަކުރަންޖެހޭ ކަމަށެވެ. ފަނާ ކުރުވާ ވިސްނުންތައް ދޫކޮށް އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ފިރިމީހާ އަނބިމީހާއަށް އެހީތެރިވުމާއި، އަނބިމީހާއާއެކު ވަގުތު ހޭދަކުރުމަކީ އަނބިދަށުވުންކަމުގައި ނުދެކޭށެވެ. ހަމަ އެގޮތަށް އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވުމާއި ހިދުމަތްކޮށްދިނުމަކީ ފިރިމީހާއަށް އަޅުވެތިވުން ކަމަށްވެސް ނުދެކޭށެވެ. ކާފަ އާއި މާމަ ބޮޑުބޭބެއިންނާއި ބޮޑުދައިތައިންނަށް ހެޔޮކޮށްހިތައި އިހުތިރާމު ކުރުމަށް ދަރިންނަށް ދަސްކޮށްދޭށެވެ. އެ މަންޒަރު މައިންބަފައިންގެ ފަރާތުން ދަރިންނަށް ދައްކުވައިދޭށެވެ،"
ރަނގަޅު ނޫން އޮއިވަރެއްގައި ޖެހުމުގެ ކުރިން ދަރިންނަށް ސާފު އަގީދާ ދަސްކޮށްދީ، ދީނީ އަޅުކަންތަކަށް ދަރިން ހޭނުވުމަށާއި، އާއިލީ ސިއްރުތައް ފާޅުކޮށް އުދާސްތައް ބޭރުކުރާ ތަނަކީ ސޯޝަލް މީޑިއާ ކަމުގައި ނަހަދައި އަނެކާގެ ވާހަކަ ކަނުލައި އަޑުއަހާނެ ވެއްޓެއް އާއިލާގެ ތެރޭގައި އުފައްދަން މަސައްކަތް ކުރުމަށްވެސް ގާޒީ ވަނީ އެދިވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު