ކޮންމެ ދުވަހަކީވެސް އާއިލާއަށް އެންމެ ބޮޑު އިސްކަމެއް ދޭ ދުވަހަކަށް ހެދުމަށް އާއިލީ ތަރައްގީއާބެހޭ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެދިވަޑައިގެންފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި މިނިސްޓަރު ވިދާޅުވީ، 'ފުރަތަމަ އާއިލާ' އަކީ ކޮންމެ މީހަކުވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އިސްކުރާ ސިޔާސަތަކަށް ހަދަންޖެހޭ ކަމަށެވެ. އަދި އޯގާތެރި މުޖުތަމައެއްގެ އެންމެ މުހިންމު އެއް ސިފައަކީ ބަދަހި އާއިލާއެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އާއިލާތަކަކީ އަހުވަންތަކަމާއި އެއްބަނޑު އެއްބަފާވަންތަކަން ދަމަހައްޓައި އެކަކު އަނެކަކަށް އަޅާލައި އޯގާތެެރި، އެހީތެރި، ކުލުނުވެރި، އެންމެން އެކުގައި ގުޅިގެން އުޅޭ އާއިލާތަކަކަށް ވާންޖެހެއެވެ.،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އާއިލާގެ ހަމަޖެހުމާއި އުފާވެރިކަމަކީ މުުޖުތަމައުގެ ކުރިއެރުން ކަމަށާއި ގައުމުގެ ތަރައްގީގެ އަސްލު ކަމަށެވެ.

"އަޅުގަނޑުގެ އެދުމަކީ މިއަދަކީ އަދި ހަމަ ކޮންމެ ދުވަހަކީވެސް ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅެއްގެ އާއިލާއަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ދުވަހަަކަށްވުމެވެ. 'ފުރަތަމަ އާއިލާ' މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އިސްކުރާ ސިޔާސަތަށްވުމެވެ.،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮންމެ މީހަކީވެސް މައިންބަފައިންނަށް އަޅާލައި ބަޔަކަށްވުމަށާއި ބޮޑުބޭބެއިންނާއި ބޮޑުދައިތައިން އަދި އެއްބަނޑުއެއްބަފާ ބޭބެއިންނާއި ދައްތައިންނާއި ކޮއްކޮއިންގެ ހާލުބަލާލާ ބަޔަކަށްވާންޖެހޭ ކަމަށެވެ. އަދި ދަރިންނާއި އަނބިން އަދި ފިރިންނަށް ވަގުތު ދޭ، އެ މީހުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް އިސްކަންދޭ ބަޔަަކަށްވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އެކި ސަބަބުތަކާހުރެ އާއިލާ ރޫޅި، ދެމަފިރިން ވަކިވާންޖެހޭ ހާލަތު ދިމާވެފައިވާ އާއިލާތަކުގެ ކުދިންނާއި އެ ކުދިންގެ މައިންބަފައިންނާމެދު އޮންނަ ގުޅުން ބަދަހިކުރުމަށްވެސް އެދިވަޑައިގެންފައެވެ. އެކުގައި އުޅުނަސް، ނުވަތަ ދުރުގައި އުޅެންޖެހުނަސް ކޮންމެ އާއިލާއަކީވެސް އާއިލީ ގުޅުން ދަމަހައްޓައި އިހުތިރާމާއި ލޯތްބާއެކު އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައިވުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.