ގައުމު ދެމިއޮތުމަށް އާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގައުމީ ލޯތްބާއި ގައުމީ ހިދުމަތާއި ގައުމު ސަލާމަތްކުރުމުގެ ވިސްނުން އުފެދެނީ އާއިލާތަކުގެ ތެރެއިން ކަމަށެވެ.

އާއިލާތަކުގެ ދުވަހަކީ އާއިލީ ގުޅުން ވަރުގަދަކުރުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. އެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުން ފެށިގެންނެވެ.

އދ. އިން އެފަދަ ދުވަހެއް ފާހަގަކުރަން ނިންމީ ގައުމުތަކަށް އަންނަމުންދާ އިގުތިސާދީ އަދި އިޖުތިމާއީ ބަދަލުތަކާ ގުޅިގެން އާއިލީ ގުޅުންތަކަށް ގިނަ އަސަރުކުރަމުންދާކަން ފާހަގަކުރެވި އަންނަމުންދާ ބަދަލުތަކަށް ގައުމުތައް ހޭލުންތެރިކުރުމުގެ ބޭނުމުގައެވެ.