ސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު، މުދަލުގެ އަގު މައްޗަށް ޖެހިލި ނަމަވެސް، މި އަހަރު ރާއްޖޭގެ އިގުތިސޯދު 4.7 ޕަސެންޓަށް އަދި އަންނަ އަހަރު 5.0 ޕަސެންޓުގެ ކުރިއެރުމެއް އަންނާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކޮށްފިއެވެ.
ވޯލްޑް ބޭންކުން އިއްޔެ ނެރުނު "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓްސް 2024" ގައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގުތިސޯދު ކުރިއަރާނީ 4.7 ޕަސެންޓުގައެވެ. އެ ބޭންކުން ކުރިން ލަފާކޮށްފައިވަނީ 5.2 ޕަސަންޓުގައި އިގުތިސޯދު ކުރިއަރާނެ ކަމަށެވެ. ނަމަވެސް އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު 5.0 ޕަސަންޓުން ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކުރީ ސަރުކާރުން ހަރަދު ކުޑަކުރަން އަޅަން ވައުދުވެފައިވާ ފިޔަވަޅުތައް އަޅާނެ ކަމަށް ބަލައިގެންނެވެ. އެގޮތުން، ސަރުކާރުން އާސަންދަ ނިޒާމުން އިސްރާފު ކުޑަކުރުމާއި ސަބްސިޑީ ސިސްޓަމް ނިޒާމް ހަމަމަގަށް އެޅުވުމުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ އިޝްރާފު ކުޑަކޮށް ކުންފުނިތަަކުގެ ހިންގުން ހަރުދަނާ ކުރާނެ ކަމަށް ވައުދުވެފައެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާ ގޮތުގައި ފިސްކަލް ރިފޯމްތަކަށް ރާއްޖެއިން އަމަލު ނުކޮށްފިނަމަ ދަރަނީގެ ނުރައްކާ އެބައޮތެވެ. އެގޮތުން މިދިޔަ އަހަރު ދައުލަތުގެ ދަރަނި އުޅުނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 123 ޕަސެންޓުގައި ކަމަށްވެސް ބުންޏެވެ. ނަމަވެސް މި އަހަރު އެ ދަދަދު އުޅުނީ 122.1 ޕަސަންޓުގައެވެ. އަދި އަންނަ އަހަރު އެ އަދަދު އުޅޭނެ ކަމަށް ލަފާކޮށްފައިވަނީ 199.7 ޕަސަންޓުގައެވެ.
ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި، މި އަހަރާއި އަންނަ އަހަރު އެވްރެޖްކޮށް ދަރަނި އަދާކުރުމަށް ބޭނުންވާ މިންވަރު 512 މިލިއަން ޑޮލަރަށް އަރާނެއެވެ. އަދި 2026 ވަނަ އަހަރު އެ އަދަދު 1.07 ބިލިއަން ޑޮލަރަށް އަރާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. އެއީ ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހޭ އަހަރެވެ.
ވޯލްޑް ބޭންކުން ބުނި ގޮތުގައި މި އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 2.9 ޕަސަންޓުގައެވެ. ނަމަވެސް އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 7.5 ޕަސަންޓަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވޯލްޑް ބޭންކުން ބުނީ، ރާއްޖޭގެ އިގުތިސޯދީ މައްސަލަތައް ހައްލުކުރުމަށް، އިގުތިސޯދީ މަސައްކަތްތައް އިތުރުކޮށް، ހަރަދުތައް ކުޑަކުރަން އިސްކަން ދޭން ޖެހޭ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށްވެސް އެ ބޭންކުން ގޮވާލައިފައިވެއެވެ.
ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ މިންވަރު ދަށްކުރި މައިގަނޑު ސަބަބަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ ދަށަށް ދިއުމެވެ. އެގޮތުން ފަތުރުވެރިން އައުން އިތުރުވި ނަމަވެސް، ފަތުރުވެރިން ކުރާ ހޭދަ ކުޑަ ކަމަށާއި ރާއްޖޭގައި ހޭދަކުރާ މުއްދަތު ވެސް ދަށަށް ދާ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި އެހެން ސިނާއަތްތަކުގެ ނަފާވެސް ދަށަށްދާ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު