ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ ފިސްކަލް ރިފޯމް އެޖެންޑާ ތަންފީޒުކުރަން ޖެހޭ ކަމަށާއި އެކަން އަވަހަށް ނުކޮށްފިނަމަ ދަރަނީގެ ނުރައްކާ ބޮޑުވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން އިއްޔެ ނެރުނު "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓްސް 2024" ގައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގުތިސޯދު ކުރިއަރާނީ 4.7 ޕަސެންޓުގައެވެ. އެ ބޭންކުން ކުރިން ލަފާކޮށްފައިވަނީ 5.2 ޕަސަންޓުގައި އިގުތިސޯދު ކުރިއަރާނެ ކަމަށެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާ ގޮތުގައި ފިސްކަލް ރިފޯމްތަކަށް ރާއްޖެއިން އަމަލު ނުކޮށްފިނަމަ ދަރަނީގެ ނުރައްކާ އެބައޮތެވެ. އެގޮތުން މިދިޔަ އަހަރު ދައުލަތުގެ ދަރަނި އުޅުނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ 123 ޕަސެންޓުގައި ކަމަށްވެސް ބުންޏެވެ. އެއީ 123 ބިލިއަން ރުފިޔާއެވެ.

ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުގައި، މި އަހަރާއި އަންނަ އަހަރު އެވްރެޖްކޮށް ދަރަނި އަދާކުރުމަށް ބޭނުންވާ މިންވަރު 512 މިލިއަން ޑޮލަރަށް އަރާނެއެވެ. އަދި 2026 ވަނަ އަހަރު އެ އަދަދު 1.07 ބިލިއަން ޑޮލަރަށް އަރާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. އެއީ ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހޭ އަހަރެވެ.

ވޯލްޑް ބޭންކުން ބުނީ، ރާއްޖޭގެ އިގުތިސޯދީ މައްސަލަތައް ހައްލުކުރުމަށް، އިގުތިސޯދީ މަސައްކަތްތައް އިތުރުކޮށް، ހަރަދުތައް ކުޑަކުރަން އިސްކަން ދޭން ޖެހޭ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ސިންދަފާތުކުރުމަށްވެސް އެ ބޭންކުން ގޮވާލައިފައިވެއެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖޭގެ އިގުތިސޯދު ކުރިއަރާނެ މިންވަރު ދަށްކުރި މައިގަނޑު ސަބަބަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ ދަށަށް ދިއުމެވެ. އެގޮތުން ފަތުރުވެރިން އައުން އިތުރުވި ނަމަވެސް، ފަތުރުވެރިން ކުރާ ހޭދަ ކުޑަ ކަމަށާއި ރާއްޖޭގައި ހޭދަކުރާ މުއްދަތު ވެސް ދަށަށް ދާ ކަމަށް އެ ބޭންކުން ބުންޏެވެ.

މީގެ އިތުރުން ބައެއް އެހެން ސިނާއަތްތަކުގެ ނަފާވެސް ދަށަށްދާ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.