ކުރިއަށް އޮތް ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޯރި ގަދަކޮށް، ރާއްޖޭގައި ތިބި ފުޓްބޯޅަ ފޭނުންނަށް ކަމުދާނެ ފަދަ ކަންކަން ގެނެސްދިނުމަށް ކޮކާ ކޯލާއިން ޔުއެފާ ޔޫރޯއާއެކު ކުރިއަށްގެންދާ ޕާޓްނާޝިޕް އިއުލާނުކޮށްފިއެވެ.

ޔޫރަޕުގެ އެންމެ ފޯރިގަދަ އެއް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ އޮންނާނީ 14 ޖޫން އިން 14 ޖުލައި އަށް ޖަރުމަނުގައެވެ.

ޔޫރޯ އާދިމާކޮށް ކޮކާ ކޯލާއިން ފެށި ހާއްސަ ކެމްޕޭނުގެ ދަށުން ޖަރުމަނުގެ ބާލިންގައި ކުޅޭ ޔޫރޯގެ ފައިނަލް މެޗު ބަލައިލަން ދިއުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

ފުޓްބޯޅައިގެ މި ފޯރިގަދަ ސީޒަނާ ދިމާކޮށް ކޮކާ ކޯލާއިން ވަނީ އެ ކުންފުނީގެ މަޝްހޫރު ފުޓުބޯޅަ ތީމްގެ ޕެކޭޖިންވެސް ތައާރަފްކޮށްފައެވެ.

މި ހާއްސަ ޕެކޭޖިންގައި ބަންދުކޮށްފައިވާ ކޮކާ ކޯލާ ފުޅީގެ މަތިގަނޑު އަދި ދަޅުގެ ޓެބްގެ ދަށުގައިވާ ހަ އަދަދުގެ ކޯޑު '2626' އަށް އެސްއެމްއެސް ކުރުމުން ޔޫރޯގެ ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

މި މަހުގެ އެއްވަނަ ދުވަހު ފެށި މި ޕްރޮމޯޝަން އަންނަ މަހުގެ 15ގެ ނިޔަލަށް ކުރިއަށްދާނެއެވެ. ޕްރޮމޯޝަންގެ ދަށުން ޔޫރޯގެ ފައިނަލް، އިތުރު ބައިވެރިޔަކާއެކު ބަލަން ދިއުމުގެ ފުރުސަތު އިތުރު ހަ ނަސީބުވެރިންނަށް ލިބޭނެއެވެ. އަދި ކޮންމެ ދެ ދުވަހުން އެއް ދުވަހަކު ސްމާޓްފޯނާއި އިތުރު އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

ކޮކާކޯލާއިން ބުނި ގޮތުގައި، އެސްއެމްއެސް ކުރާ މިންވަރަކަށް އިނާމެއް ލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ.

ކޮކާކޯލާއިން ބުނި ގޮތުގައި ފުރަތަމަ ލަކީޑްރޯ ނަގާނީ މި މަހުގެ 11 ގައެވެ. އަދި އޭގެ ފަހުން ކޮންމެ ދެ ދުވަހުން އެއް ދުވަހަކު ނަސީބުވެރިން ހޮވުން އައިސް ޓީވީން ލައިވްކޮށް ކުރިއަށްދާނެއެވެ.

ކޮކާ ކޯލާއިން ރާއްޖެ އަދި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ކޯޝަލީ ކުސުމަޕަލާ ވިދާޅުވީ، ކުރިއަށް އޮތް ޔޫރޯއާ ދިމާކޮށް އެ ކުންފުނިން 'ޔުއެފާ ޔޫރޯ 2024' އާއެކު ގާއިމުކުރި ޕާޓްނާޝިޕަކީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓްނާޝިޕްގެ ދަށުން ކޮކާކޯލާއިން މަސައްކަތް ކުރާނީ ރާއްޖޭގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް، ކުރިއަށް އޮތް ޔޫރޯ މުބާރާތުގެ ދުވަސްތަކުގައި ތަފާތު ތަޖުރިބާއެއް ގެނެސްދިނުމަށެވެ.

ޔޫރޯ މުބާރާތް ފެށެން ކައިރިވަމުންދާ އިރު، ކުރިއަށް އޮތް ތަނުގައި ވެސް އެ މުބާރާތާ ގުޅޭ ތަފާތު ހަރަކާތްތައް ކޮކާ ކޯލާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން އިއުލާން ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮކާކޯލާ އަކީ ޔުއެފާ ޔޫރަޕިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ މުބާރާތުގެ ދުވަސްވީ ޕާޓްނަރެކެވެ. އެގޮތުން 1988 ވަނަ އަހަރުން ފެށިގެން އެ މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ކޮކާ ކޯލާއިން އަންނަނީ ފޭނުންނަށް ތަފާތު ތަޖުރިބާތައް ގެނެސްދެމުންނެވެ.