މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަކޮށްގެން ތަރައްގީ ކުރި ކ. ކުޑަގިރި ޕިކްނިކް އައިލެންޑަކީ ވަސީލަތްތައް މަދު ތަނެއް ކަމަށާއި މި ސަރުކާރުން ކުޑަގިރި އިތުރަށް ތަރައްގީ ކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭ ރައްޔިތުންނަށް ހާއްސަ ތަނެއްގެ ގޮތުގައި ކަމަށެވެ.
"މިހާރު ހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާ ގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތްލިބޭ ގޮތަށް ސަރުކާރުން ތަރައްގީކުރާނެ" ހީނާ ވިދާޅުވިއެވެ.
ކުޑަގިރި، ޕިކްނިކް އައިލެންޑުގެ ގޮތުގައި ހުޅުވައިދެއްވާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީކުރުމަށް ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކުރީ 41 މިލިއަން ރުފިޔާއެވެ. ކުޑަގިރި ބަލަހައްޓަން ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެވެ.
ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓް ބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓާ އަދި ވޯޓާ ސްޕޯޓްސް ސެންޓަރެއްވެސް ހިމެނެއެވެ. މީގެ އިތުރުން ވޯޓާ ސްލައިޑްސްތަކާއި މޫދު ކުޅިވަރުގެ ގިނަ ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު