މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގެ ކުލާސްތައް މައި ކެމްޕަހަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރުނާރާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފިއެވެ.
އެމްއެންޔޫ އާއި އައިޖީއެމްއެޗްއާ 2018 ވަނަ ހެދި އެއްބަސްވުމެއްގެ ދަށުން ދަރުމަންވަންތަ ހޮސްޕިޓަލުގެ އަށްވަނަ ފްލޯއާއި 14 ވަނަ ފްލޯ ވަނީ މެޑިސިން ސްކޫލުގެ ކެމްޕަސް ހިންގުމަށް އެމްއެންޔޫ އަށް 10 އަހަރު ދުވަހަށް ކުއްޔަށްދޫކޮށްފައެވެ. ނަމަވެސް ދަރުމަންވަންތަ ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރަން ކަމަށް ބުނެ އައިޖީއެމްއެޗް އިން ވަނީ އެއްބަސްވުން އުވާލައިފައެވެ.
އެއްބަސްވުން އުވާލުމުން އެމްއެންޔޫ އިން ވަނީ ދަރުމަންވަންތަ ހޮސްޕިޓަލުގައި ހުރި ކެމްޕަސްގެ ވަސީލަތްތައް އެމްއެންޔޫއަށް ބަދަލުކުރަން ފަށައިފައެވެ.
އެމްއެންޔޫ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމްއެންޔޫ އިން ކަންތައްތައް އިންތިޒާމު ކުރުމުގައި ޔުނިވާސިޓީން އަބަދުވެސް އިސްކަން ދޭނީ ދަރިވަރުންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަކަށް ކަންތައް ބައްޓަން ކުރަން ކަމަށެވެ.
"މި ގެނެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުން ދެވޭ އެއްވެސް ހިދުމަތަކަށް ބުރޫނާރާނެ ގޮތަށް އެ އިންތިޒާމު މި ޔުނިވާސިޓީގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން ދަރިވަރުންނަށް ހޮސްޕިޓަލުން ލިބެންޖެހޭ އަމަލީ ތަޖުރިބާތައް ކުރިއެކޭ އެއްގޮތަށް ދަރުމަންވަންތަ ހޮސްޕިޓަލުން ފޯރުކޮށްދެވޭނެ ވާހަކަވެސް ދަންނަވަމެވެ. ހަމަ އެއާއެކު ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލުގެ ކެމްޕަސް ހުޅުމާލޭގައި އެޅުމަށް ސަރުކާރުން ގެންދަވަނީ މި ޔުނިވާސިޓީ އާއެކު އަމަލީ ގޮތުން މަސައްކަތް ކުރައްވަމުން،" އެމްއެންޔޫ އިން ބުންޏެވެ.
އެ ޔުނިވާސިޓީން ބުނީ، މެޑިސިން ސްކޫލުގެ ވަސީލަތްތައް މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ، އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ކުރާނެ ފައިދާ ބޮޑުވާނެތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު