ލ. ކައްދޫ އެއާޕޯޓް ހިންގުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އާ ހަވާލުކޮށްފިއެވެ.

އާރުއޭސީއެލުން މިއަދު ބުނީ އިއްޔެއިން ފެށިގެން ކައްދޫ އެއާޕޯޓް ހިންގުން އެކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި މިއީ ރައީސް މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅުގެ ތެރެއިން ރާއްޖޭގެ ވައިގެ ދަތުރުގެ ނިޒާމް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ތެރެއިން ނިންމެވި ނިންމުމެއް ކަމަށެވެ.

އާރުއޭސީއެލުން ބުނީ މިހާރު ކައްދޫ އެއާޕޯޓުގައި 100 ޕަސެންޓް ހިއްސާ ދާރަކީ ރީޖިނަލް އެއާޕޯޓްސް ކަމަށެވެ. އަދި ކައްދޫ އެއާޕޯޓް މިހާރު ހިންގަމުން އަންނަ ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑާއެއްކޮށް އެއާޕޯޓް ހިންގުމާ ހަވާލުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ކައްދޫ އެއާޕޯޓަކީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެއާޕޯޓެކެވެ.

ކައްދޫ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށްޓަކައި ޗައިނާގެ ސީމްއީސީ ކުންފުންޏާ އެކު މި މަހުގެ 11 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކައްދޫ އެއާޕޯޓް ރީޖިނަލް އެއާޕޯޓްސްގެ ދަށަށް ގެނެވުމާ އެކު އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ އެއާޕޯޓްތަކުގެ އަދަދު ވަނީ އަށަކަށް އަރައިފައެވެ.