ކުޅުދުއްފުށީ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން މިއަދު ބުނީ ކުޅުދުއްފުށީ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލްގެ މަސައްކަތް ކުރުމަށް ހަވާލުކުރެވޭ ފަރާތެއް ހޮވުމުގެ ބީލަމުގެ މަރުހަލާ ނިމި، މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

އާރުއޭސީއެލުން ބުނީ މި ޓާމިނަލް ނިމިގެންދާ އިރު ޓާމިނަލެއްގައި ފަސެންޖަރުންނަށް ހިދުމަތްދިނުމަށްޓަކައި ހުންނަންޖެހޭ އެންމެ ޒަމާނީ ހިދުމަތްތައް ފުރިހަމަވެފައި ހުންނާނެ ކަމަށެވެ. ޓާމިނަލް މަސައްކަތް ނިމުމުން އެއްވަގުތެއްގައި އެއްފަހަރާ އޭ ޓީ އާރު 72 ސައިޒްގެ ދެ ފްލައިޓް އެއްވެސް ދަތިކަމެއް ނެތި ހޭންޑަލްކުރެވޭ ވަރުގެ ވަރުގެ ކެޕޭސިޓީ ހުންނާނެ ކަމަށްވެސް އާރުއޭސީއެލުން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން 11،345 އަކަފޫޓުގެ ފަސިންޖާ ޓާމިނަލަކާއި ފަސިންޖާ ޓާމިނަލް ސަރަހައްދުގައި ޝޭޑިންއެއް ލުމަށާއި މިހާރު ބޭނުންކުރަމުންދާ ފަސިންޖާ ޓާމިނަލުގެ ސްޓްރަކްޗާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެއެވެ. ޓާމިނަލްގައި ވަކިން ޑިޕާޗާ އަދި އެރައިވަލް ހޯލް ހަދާއިރު، ކާގޯ ރަށްކާކޮށް ބެހެއްޓޭނެ ވަސީލަތްތައް ވެސް ގާއިމު ކުރާނެއެވެ.

އެއާޕޯޓު ސަރަހައްދުގައި ޕާކިން އޭރިއާއަކާއި ފަސިންޖަރުންނަށް ދެވޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަންވެސް އެ މަޝަރޫއުގެ ދަށުން ގާއިމުކުރާނެ ކަމަށް އާރުއޭސީއެލުން ބުންޏެވެ.

މީގެ އިތުރުން ޓާމިނަލް ނިމިގެންދާ އިރު، ފަސެންޖަރުން ފުރުވަން އަދި ބަލައިދާ ފަރާތްތަކަށް ފަސޭހަކަމާ އެކު ތިބެވޭނެ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން ޓާމިނަލް ބޭރުގައި ކެފޭއެއްގެ ހިދުމަތްވެސް

ލިބިގެންދާނެ ކަމަށް އާރުއޭސީއެލުން ބުންޏެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ 14"ގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.