މިއަދު ހިފާ އިރުކޭތަ ދިރާސާ ކުރުމަށް ނާސާ އިން ޖެޓެއް ފޮނުވަން ނިންމައިފިއެވެ.

އެމެރިކާގެ އިތުރުން ޔޫރަޕްގެ ބައެއް ސަރަހައްދުތަކަށް މިއަދު ހިފާ ފުރިހަމަ އިރުކޭތައަށް ގިނަ ބަޔަކު ތައްޔާރުވަމުން އަންނައިރު ކޭތައަށް ޝައުގުވެރިކަން ހުންނަ މީހުންނާއި ސައިންސްވެރިން ވަނީ އެންމެ ފުރިހަމައަށް ކޭތަ ހިފާނެ ސަރަހައްދުތަކުގައި ކޭމްޕް ޖަހައިފައެވެ.

އިރުކޭތަ ދިރާސާ ކުރުމަށް ޖެޓެއް ފޮނުވުމުގެ ބޭނުމަކީ ނާސާ އިން ބުނި ގޮތުގައި، ބިމުގައި ތިބެގެން ކޭތަ ބަލައި ދިރާސާކުރުމުގެ ތެރޭގައި އުޑުމަތިން ދައުރުކުރާ ވިލާތަކުގެ ސަބަބުން ކޭތަ ގެއްލި އެންމެ ފުރިހަމައަށް ދިރާސާ ނުކުރެވޭތީ، ހާއްސަ ޖެޓެއް ބޭނުންކޮށްގެން ވިލާތަކުގެ މަތިން ދަތުރުކޮށް ކޭތަ ބެލުން ކަމަށެވެ.

ނާސާގެ މާހިރުންގެ ހާއްސަ ޓީމުތަކުން ޖެޓުގައި ސައިންޓިފިކް އާލާތްތައް ބޭނުންކޮށްގެން ކުރާ ދިރާސާގައި ކޭތަ ހިފާ ވަގުތު ހަނދު، އިރުގެ ކުރިމަށްޗަށް އެރުމުގެ ސަބަބުން އިރުގެ ވަށައިގެން އުފެދޭ ބަދަލުތައް ބެލުމަށް ހަމަޖެހިފައިވެއެވެ. އަދި ދުނިޔެ ވަށައިގެންވާ ''އަޔަނޮސްފެއާ'' ނުވަތަ ދުނިޔެ ވަށައިގެން މަތިމައްޗަށް ހުންނަ ފަށަލަތަކުގެ ތެރެއިން އެންމެ މަތީ ފަށަލައަށް އަންނަ ބަދަލު ބެލުމަށްވެސް ތަހުލީލު ކުރާނެއެވެ.

ނާސާ އިން ބުނި ގޮތުގައި، 15،000 މީޓަރު މަތިން ދަތުރުކުރާ އެ ޖެޓުގައި ހަރުކޮށްފައިވާ ކެމެރާތަކުން ކޭތައިގެ މަންޒަރުތައް މީގެ ކުރިން ނުނެގޭހާ ފުރިހަމައަށް ނެގޭނެ ކަމަށެވެ.