ނ. މާފަރުގައި 50 އެނދުގެ އެއާޕޯޓް ހޮޓަލެއް ހަދައި، އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަން މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ.

އެ ކުންފުނިން މިއަދު ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެއާޕޯޓުން ދޭ ހިދުމަތްތައް ފުރިހަމަކޮށް، ސަރަހައްދުގެ އިގުތިސާދީ ތަރައްގީއަށް ހިންގާ އެ މަޝްރޫއަށް ދިވެހި އަދި ބޭރުގެ ކުންފުނިނަތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

އަދި އެ މަޝްރޫއު ހިންގުމަށް ބޭނުންވާ ގޮތެއް މި ވަގުތު ނެތް ކަމަށާއި އެހެންކަމުން ދެ ފަރާތަށްވެސް ފައިދާވާ ފަދަ ވިޔަފާރީގެ މޮޑެލްއަކަށް ދިއުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ، އެ މަޝްރޫއުއަށް އެކްސްޕްރެޝަން އޮފް އިންޓްރެސް (އީއޯއައި) ހުށަހަޅާ ކުންފުނިތަކަށް އެކަނި ދައުވަތު ދީގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާނެ ކަމަށެވެ. އަދި މަޝްރޫއު ހަވާލުކުރުމުގައި އެ ކުންފުނީގެ މަގުސަދުތައް ހާސިލުވާ އަދި ލިބިފައިވާ ތަޖުރިބާ އާއި މާލީ އަދި ހިންގުމުގެ ގާބިލުކަމަށް ބަލާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

އެ ކުންފުނިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެއާޕޯޓް ހޮޓެލް ހަދަން ނިންމާފައިވަނީ ރަށުގެ އުތުރު ފަރާތުން 4،002 އަކަފޫޓުގެ ބިމެއްގައެވެ. މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ އަންނަ އެޕްރީލް މަހުގެ 21 އެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޖެޓް ޖައްސާ އެއް އެއާޕޯޓް، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ އަހަރު 700 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވިފައިވެއެވެ. އަދި އެއާޕޯޓު އިތުރަށް ތަރައްގީކޮށް ބޮއިންގް 777 ޓްވިން ޖެޓް ޖެއްސޭ ވަރަށް މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.