ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ޒީނާދު އައްޔަނުކޮށްފިއެވެ.

އެޗްޑީއެފްސީގެ އެކްސް އެކައުންޓުން ވަނީ ޒީނާދު، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަނުކުރިކަން އިއުލާނުކޮށް އޭނާއަށް މަރުހަބާ ކިޔައި ޕޯސްޓެއް ކޮށްފައެވެ.

ޒީނާދު، އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގެން މިރޭ ވަނީ ހައުސިން މިނިސްޓްރީން އެކުންފުންޏާ ހަވާލުކުރި "ހިޔާވެހި ފައިނޭންސް ސްކީމް" އެމްއޯޔޫގައި ސޮއިކުރައްވައިފައެވެ.

އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ފިނޭންސް ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވައިގެން ހުންނެވި ޒީނާދު މިދިޔަ ސަރުކާރުން 2019 ވަނަ އަހަރު އުފެއްދި އެސްއެމްއީ ޑިވޮލެޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އެމްޑީގެ މަގާމު ފުރުއްވައިފައެވެ. އަދި 2006 އިން ފެށިގެން 2009 އަށް އެޗްޑީއެފްސީގައި ވެސް މަސައްކަތް ކުރެއްވިއެވެ.

އޭގެ ކުރިން ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ގަވަމެންޓް ލޯން ސްކީމްސްގެ މަގާމާއި ހެޑް އޮފް ބިޒްނަސް ބޭންކިންގެ މަގާމު އޭނާ އަދާ ކުރައްވައިފައިވެއެވެ.