ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ލިސްޓުގެ އެއްވަނައިން އެމެރިކާގެ އީލޮން މަސްކް ކައްސާލައިފިއެވެ. އޭނާގެ މިލްކިއްޔާތުން އުނިވި 17.6 ބިލިޔަން ޑޮލަރާއެކު އީލޮން މަސްކު މިހާރު ވަނީ ލިސްޓުގެ ދެވަނައަށް ސޮއްސާލައިފައެވެ.

ދުނިޔޭގެ މަހުޖަނުންގެ މުއްސަނދިކަން މިނެކިރާ ބްލޫމްބާގް އިންޑެކްސްއިން އެންމެފަހުން މި މާރޗް މަހު ފަހެއްގައި އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އީލޮން މަސްކުގެ މިލްކިއްޔާތަކީ މިވަގުތު 198 ބިލިޔަން ޑޮލަރެވެ. ލިސްޓުގެ އެއްވަނައަށް އެރި އެމެރިކާގެ ޖެފް ބެޒޯސްގެ މިލްކިއްޔާތުގެ މިންވަރަކީ 200 ބިލިޔަން ޑޮލަރެވެ. އެމޭޒަންގެ ބާނީ ބެޒޯސް އަލުން އެއްވަނައަށް އެރީ 2021 ވަނަ އަހަރު އޭނާ ފަހަތަށް ޖައްސާލައި އީލޮން މަސްކު އެއްވަނަ ހޯދިފަހުން ފުރަތަމަ ފަހަރަށެވެ.

އެންމެފަހުގެ ލިސްޓަށް ބަލާއިރު ގިނައިން ތިބީ ޓެކްނޮލޮޖީގެ ފަންނުގެ މަހުޖަނުންނެވެ. އެމީހުންގެ ވިޔަފާރިތަކުގެ ހިއްސާއަށް ލިބިފައިވާ ކުރިއެރުންތަކާއެކު ލިސްޓުގެ ތިންވަނަ މިހާރު ލިބިފައިވަނީ ފްރާންސްގެ ރީޓޭލް ވިޔަފާރީގެ ރަސްގެފާނު ބާނަޑް އާނޯލްޓަށެވެ. އޭނާގެ މިލްކިއްޔާތުގެ މިންވަރަކީ 197 ބިލިޔަން ޑޮލަރެވެ.

ފޭސްބުކްގެ ބާނީ އެމެރިކާގެ މާކް ޒުކަރބާގަށް އައު ލިސްޓުން ލިބެނީ ހަތަރުވަނައެވެ. އޭނާގެ މިލްކިއްޔާތުގެ އަގަކީ މިވަގުތު 179 ބިލިޔަން ޑޮލަރެވެ. އޭނާގެ ފަހަތުން ލިސްޓުގެ ފަސްވަނަ ލިބެނީ މައިކްރޯ ސޮފްޓްގެ ބާނީ އެމެރިކާގެ ބިލް ގޭޓްސްއަށެވެ. އޭނާގެ މުއްސަނދިކަމުގެ މިންވަރަކީ 150 ބިލިއަން ޑޮލަރެވެ.