ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ކުވޭތުގައި 132 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން މުޅިދުނިޔޭގައިވެސް ނުވާކަހަލަ މުޅިން އައު ޒަމާނީ ސިޓީއެއް ބިނާކުރަން ނިންމައިފިއެވެ. ކުވޭތުގެ އެންމެ އުތުރުން ސޫބިޔާ ސަރަހައްދުގެ 250 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި ގާއިމުކުރާ މި ސިޓީގެ ނަމަކީ މަދީނަތުލް ހަރީރެވެ. ސިލްކް ސިޓީއެވެ. މި މަޝްރޫއަކީ 25 އަހަރު ދުވަހުން ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މަދީނަތުލް ހަރީރު ނިމޭއިރު ދުނިޔޭގެ އެންމެ އުސް އިމާރާތް ހުންނާނީވެސް އެތަނުގައެވެ. އައު ސިޓީގައި ބުރުޖު އަލްމުބާރަކުގެ ނަމުގައި އިމާރާތްކުރާ ޓަވަރުގެ އުސްމިނުގައި 1001 މީޓަރު ހުންނާނެއެވެ. މިއަދަދު ރަމްޒުކޮށްދެނީ އެރޭބިއަން ނައިޓްސްގައި ހިމެނޭ 1001 ރެއަށެވެ. ދުނިޔޭގެ އެންމެ އުސް ޓަވަރުގެ ދަރަޖަ މިހާރު ލިބިފައިވާ ދުބާއީގެ ބުރުޖު ޚަލީފާގެ އުސްމިނަކީ 828 މީޓަރެވެ. ކުވޭތުގައި ބިނާކުރާ ޓަވަރު ނިމޭއިރު އެތާގައި 234 ބުރި ހުންނާނެއެވެ. ޖުމްލަ ހަތްހާސް މީހުންނަށް ދިރިއުޅެވޭނެއެވެ.
އައު ސިޓީ ބިނާކުރުމުގެ މަޝްރޫއުގެ ތެރެއިން ބައިމިލިޔަން އައު ވަޒީފާ އުފެދިގެންދާނެއެވެ. މި ސިޓީ ވެގެންދާނީ ހުރިހާ ގޮތަކުން ކުވޭތުގެ އައު ވެރިރަށަކަށެވެ. މި ސިޓީ ބިނާކުރަން ހަމަޖެހުނީ މިހާރުގެ ވެރިރަށް ކުވޭތު ސިޓީގެ އާބާދީ ބޮޑުވެ ތޮއްޖެހުމުގެ މައްސަލަ ސީރިއަސް ވުމުންނެވެ. ކުވޭތުގައި ޖުމްލަ 4.8 މިލިޔަން މީހުން ދިރިއުޅޭއިރު އޭގެތެރެއިން 3.29 މިލިޔަން މީހުންނަކީ ބިދޭސީންނެވެ. ކުވޭތުގެ އަސްލު ރައްޔިތުންގެ އަދަދަކީ 1.53 މިލިއަންއެވެ. ވެރިރަށް ކުވޭތު ސިޓީގައި އެކަނިވެސް 3 މިލިޔަން މީހުން ދިރިއުޅެއެވެ.
ކުވޭތަކީ ގަލްފުގެ ގައުމުތަކުގެ ތެރެއިން އެންމެ މުއްސަނދި އެއްގައުމެވެ. ޑޮލަރަށް ނިސްބަތްކުރާއިރު ދުނިޔޭގައި އެންމެ ބާރުގަދަ އަގުހުރި ފައިސާއަކީވެސް ކުވޭތުގެ ދީނާރެވެ. ކުވޭތުގެ އިގްތިސާދާއި ވަރުން އެޅިގެންވާ އައު ސިޓީއެއް ބިނާކުރުމުގެ ޚިޔާލު އައީ އެއްބަޔަކު އަނެއްބަޔަކާ ވާދައަށް އުސް އިމާރާތްތައް ބިނާކުރުމާއި ބޮޑެތި ސިޓީތައް ބިނާކުރުމުގެ އޮއިވަރެއް ގަލްފުގެ ގައުމުތަކުގައި އެނބުރެމުންދަނިކޮށެވެ. އައު ސިޓީއެއް ބިނާކުރުމުގެ އެންމެ ބިޔަ މަޝްރޫއެއް މިވަގުތު ކުރިއަށްދަނީ ސައޫދީ އަރަބިޔާގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ