އެމެރިކާގެ ޕްރައިވެޓް ކުންފުންޏަކުން ފޮނުވި އުޅަނދެއް ހަނދުގައި ޖައްސައިފިއެވެ.

އެމެރިކާގެ ޕްރައިވެޓް ކުންފުނި އިންޓުއިޓިވް މެޝިންސް އިން ފޮނުވާލި އުޅަނދަށް ދީފައިވާ ނަމަކީ "އޮޑޭސަސް" އެވެ. އެ އުޅަނދު ހަނދުގެ ދެކުނު ތަނޑީގައި ޖައްސާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކަމަށް އޮފިޝަލުން ބުނެއެވެ.

އެ ކުންފުނިން ބުނެފައިވަނީ މިހާރު ކުރިޔަށް ދަނީ އޮޑޭސަސް އާއި ގުޅުމުގެ މަސައްކަތް ކަމަށާއި ހަނދުގެ ފޮޓޯތައް ހޯދުމަށް މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އޮޑޭސަސް އިން ވަނީ ނާސާގެ ޓެކްނޮލޮޖީގެ އިތުރުން ދިރާސާ ކުރާ ގިނަ އާލާތްތައް ހަނދަށް ގެންގޮސްފައެވެ.

އޮޑޭސަސްގެ މައިގަނޑު މަސައްކަތަކީ މުސްތަގުބަލުގައި ހަނދުގައި އިންސާނުންނަށް ދިރިއުޅެވޭނެ މާހައުލެއް އޮތްތޯ ބެލުން ކަމަށް ނާސާއިން ވަނީ ބުނެފައެވެ. އެ ދިރާސާތަކުގައި ހަނދުގެ ފަށަލަ ތޮރުފައި ސާމްޕަލްނަގައި އޭގެ މައުލޫމާތު ބޭނުންކޮށް ތަހުލީލު ކުރާނެއެވެ.

އޮޑޭސަސް ހަނދުގައި ޖައްސާފައިވާއިރު މިއީ އެމެރިކާއިން ހަނދަށް އުޅަނދެއް ފޮނުވިތާ 50 އަހަރުފަހުން ފޮނުވާލި އުޅަނދެކެވެ.